އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލަށް ކުޅޭ ޖޮއެލް މަޓިޕްއަށް އަނިޔާވެ މިސީޒަންގެ ބާކީއޮތް ބައިގާ އޭނާއަށް ދެން ނުކުޅެވޭނެކަމަށް އެކްލަބުން ހާމަކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަޓިޕްއަށް އަނިޔާވެފައިވަނީ އޭނާގެ ފައިގެ ކުޑަހުޅަށެވެ.
ކެމެރޫންގެ ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ މަޓިޕްއަށް އަނިޔާވެފައިވަނީ އެންމެފަހުން ޓޮޓްނަމް ހޮޓްސްޕަރއާއި ބައްދަލުކޮށް 3 ލަނޑު އެއްލަނޑުން މޮޅުވި މެޗްގައެވެ. ލިވަޕޫލްގެ ކޯޗް ޔަރގެން ކްލޮޕް ހާމަކުރިގޮތުގައި މަޓިޕް ދެން ފެންނާނީ ދެން އަންނަ ޕްރީ ސީޒަންގައި ކަމަށެވެ. ކްލޮޕް ހާމަކުރިގޮތުގައި މަޓިޕްއަށް އަނިޔާވީ ޓޮޓްނަމްގެ ސޮން ހިއުންގ މިންއަށް ޗެލެންޖް ކުރުމުގެ ތެރޭގައި ކަމަށާއި އަދި އޭގެ ފަހުން ކުޅެމުން ގޮސްފައިވަނީ އަނިޔާގައި ހުރެގެންކަމަށެވެ. އަދި އެއީ އެމެޗުން ލިވަޕޫލް މޮޅުކޮށްދޭން އެހީވި ވަރަށް މުހިންމު ޗެލެންޖެއް ކަމަށާއި އަދި އެއަށްފަހު އެއަނިޔާގައި ހުރެ ކުޅުމުން އިތުރަށް ގޯސްވީކަމަށެވެ. ނަމަވެސް އޭނާ ބެލީ ވީވަރަކުން ޓީމަށް އެޙީވާން ކަމަށާއި މިހާރު ސީޒަންގެ ބާކީ އޮތް ބައި މަޓިޕް ހޭދަކުރާނީ އެއަނިޔާއިން އަރައިގަނެ އާސީޒަނަށް ފިޓްވާން ކަމަށްވެސް ކްލޮޕް ހާމަކުރިއެވެ.
ލިވަޕޫލަށް މިސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު ޑިފެންޑަރުންނަށް ލިބިފައިވާ އަނިޔާ ފާހަގަކޮށްލެވެއެވެ. މިގޮތުން މަޓިޕް މިހާރުވަނީ ވަރޖިލް ވެން ޑައިކް އާއި ޖޯ ގޯމޭޒްއާއެކު އެޓީމްގައި ދިގު މުއްދަތަކަށް އަނިޔާވެފައިވާ ކުޅުންތެރިންގެ ލިސްޓަށް އަރާފައެވެ.