ޖަރުމަނު ބުންޑަސްލީގާގެ ޝާލްކަރ އަށް ކުޅެމުންދިޔަ ތުރުކީވިލާތުގެ ޑިފެންޑަރ އޮޒާން ކަބަކް އާއި ޕްރެސްޓަން ނޯތު އެންޑްއަށް ކުޅޭ ބެން ޑޭވިސް ލިވަޕޫލަށް ސޮއި ކޮށްފިއެވެ. މިދެ ކުޅުންތެރިން ސޮއި ކުރިކަން އެކްލަބުން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ލިވަޕޫލުން ހާމަކުރާގޮތުގައި 20 އަހަރުގެ ކަބަކް އެކްލަބާއި ގުޅިފައިވަނީ ލޯން އެއްބަސްވުމެއްގެ ދަށުން މިސީޒަންގެ ނިޔަލަށެވެ. އަދި ޝާލްކަރއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ސީޒަން ނިމޭއިރު ލީވަޕޫލުން ބޭނުންވާ ކަމުގައިވާނަމަ 18 މިލިއަން ޕައުންޑަށް ކަބަކް ގަތުމުގެ ފުރުސަތުވެސް އެޓީމަށްވަނީ ހުޅުވާލައިފައެވެ. ނަމަވެސް މިވަގުތަށް ލިވަޕޫލުން ޝަލްކަރއަށް ދައްކާނީ ލޯން އެއްބަސްވުމުގެ އެއް މިލިއަން ޕައުންޑާއި އަދި ކަބަކް މެޗް ކުޅޭ މިންވަރަކަށް ބަލާ އިތުރު ފައްސަތޭހަ ހާސް ޕައުންޑެވެ. މައުލޫމާތު ލިބޭގޮތުގައި ކަބަކްގެ ވާހަކަ ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕްގެ ސަމާލުކަމަށް ގެންސްފައިވަނީ ކުރިން ހަޑަސްފީލްޑަށް ކޯޗް ކޮށްދިން ޑޭވިޑް ވާގްނަރއެވެ. ވާގްނަރވަނީ ޝަލްކަރއަށް ކޯޗް ކޮށްދީފައެވެ. އަދި ކްލޮޕްއާއެކު ބޮރޫޝިއާ ޑޯޓްމުންޑްގައި ވެސް މަސައްކަތް ކޮށްފައިވެއެވެ. ކަބަކް ޝާލްކަރއަށް ގުޅުމުގެ ކުރިން ކުޅެފައިވަނީ ސްޓުޓްގާޓަށެވެ. އަދި 2018 ވަނަ އަހަރުގެ ސީޒަންގައި ބުންޑަސްލީގާގެ ރޫކީ އޮފް ދި އިޔަރގެ މަގާމުވެސް ހޯދާފައިވެއެވެ.
މީގެއިތުރުން ލިވަޕޫލުންވަނީ ޗެމްޕިއަންޝިޕްގެ ޕްރެސްޓަންއިން ބެން ޑޭވިސް ދިގު މުއްދަތަކަށް ސޮއިކޮށްފައެވެ. މަޢުލޫމާތު ލިބޭގޮތުގައި ޑޭވިސްގެ ޓްރާންސްފަރ ފީއަކީ 2 މިލިއަން ޕައުންޑެވެ. ޑޭވިސްވަނީ ލިވަޕޫލަށް ސޮއި ކުރުމުގެ ކުރިން ރޭގެ ވަގުތެއްގައި މެޑިކަލް ހަދާފައެވެ. ޑެވިސް ގެންދިއުމަށް އެހެން ބައެއް ކްލަބްތަކުންވެސް މަސައްކަތް ކޮށްފައިވެއެވެ. މިގޮތުން ސެލްޓިކާއި ބަރންލީ އަދި ބޯންމޯތުވެސް ދިޔައީ ޑޭވިސްއަށް ކަޅިއަޅަމުން ކަމަށް ބެލެވެއެވެ. ޑެވިސް ހާމަކުރިގޮތުގައި މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. އަދި އެންމެ ފުރަތަމަ ހައިރާން ކަމެއް ލިބުނު ކަމަށާއި އަދި މިފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފައިފިނަމަ އޭނާވާނީ މޮޔަޔަކަށެވެ. މި އެއްބަސްވުމުގެ ދަށުން ލިވަޕޫލަށް ކުޅޭ ނެދަލަންޑްސްގެ ޑިފެންޑަރ ސެޕް ވެން ޑެން ބަރގްވަނީ ޕްރެސްޓަންއަށް ލޯނުގެ އުސޫލުން ގުޅިފައެވެ.
މިސީޒަންގައި ލިވަޕޫލަށްވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އަދި ހާއްސަކޮށް ޑިފެންސަށް ކުޅޭ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. މިގޮތުން މިދިޔަ ސީޒަންގައި ލިވަޕޫލްއިން އިންގްލިޝް ޕްރިމިއަރ ލީގު ކާމިޔާބު ކުރިއިރު ޓީމްގައި އެންމެ މުހިންމު ދައުރެއް އަދާކުރި ވަރޖިލް ވެން ޑައިކް އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާން ޖެހުނު އިރު ޖޯ ގޯމޭޒްވެސްވަނީ ދިގު މުއްދަތަކަށް އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށް ދާންޖެހިފައެވެ. އަދި މި މުޅުންތެރިންގެ ބަދަލުގައި ފަހަތަށް މިސީޒަންގައި ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ޖޮއެލް މަޓިޕްއަށް މިސީޒަންގައި އިތުރަށް ނުކުޅެވޭނެކަން ހާމަވެފައިވާއިރު ފަބީނިއޯވެސް މިވަގުތު ހުރީ އަނިޔާގައެވެ.