ކުޅިވަރު

އޮސްޓްރޭލިއަން އޯޕަންގައި މިފަހަރު ބައިވެރިވެވުނީ މުބާރާތް ފަސް ކުރުމުން: ސެރީނާ


ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އަންހެން ޓެނިސް ކުޅުންތެރިޔާ ކަމުގައިވާ އެމެރިކާގެ ސެރީނާ ވިލިއަމްސްއަށް މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރެވޭގޮތް މިވީ މިމުބާރާތް ތިން ހަފްތާއަށް ފަސް ކުރުމުން ކަމުގައި ސެރީނާ ހާމަކޮށްފިއެވެ. ސެރިނާ ހާމަކުރިގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ބޭއްވި ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ލިބުނު އަނިޔާއަކުން ފުރިހަމައަށް ރަނގަޅު ވުމަށްޓަކައި އިތުރު ވަގުތު ބޭނުން ވި ކަމަށާއި އެވަގުތު އޭނާއަށް ލިބުނީ މި ތިން ހަފްތާގެ ސަބަބުން ކަމަށެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް މިއަހަރު ތިން ހަފްތާއަށް ފަސް ކުރީ ދުނިޔޭގައި މިހާރު ފެތުރިފަވާ ކޮރޯނާ ވައިރަހުގެ ސަބަބުން އޮސްޓްރޭލިއާއަށް ދާ ކުޅުންތެރިން ކަރަންޓީން ވުމަށް ބޭނުންވާ ވަގުތު ދިނުމުގެ ގޮތުންނެވެ. މިއަހަރުގެ މުބާރާތަށް ސެރީނާ ވިލިއަމްސް ނިކުންނަނީ 24 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކުރުމުގެ ރިކޯޑާއި ހަމަ ކުރުމުގެ އަޒުމުގައެވެ. ސެރީނާ ހާމަކުރިގޮތުގައި އޭނާއަށް ލިބުނު އަނިޔާ އެހާ ގިނަ ދުވަހަށް ދެމިގެންދާނެކަމަށް ހީނުކުރާ ކަމަށާއި އަދި އާންމުކޮށް އޮންނަ ގޮތަށް ޖެނުއަރީމަހުގެ ތެރޭގައި މުބާރާތް އޮތްނަމަ މިފަހަރު އޮސްޓްރޭލިއަން އޯޕަންއިން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަވީސް ކަމަށެވެ.

އޮސްޓްރޭލިއަން އޯޕަންއަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުޅެމުންދާ ވޯމްއަޕް އިވެންޓްގައި ސެރީނާ ކުޅުނު މެޗުން އޭނާވަނީ މޮޅުވެފައެވެ. މި މުބާރާތަށް ކުޅުންތެރިން ތައްޔާރު ވާން ފުރުސަތު ދިނުމުގެ ގޮތުން މެލްބަން ޕާކްގައި އެއްފަހަރާ ހަ އިވެންޓެއް އަންނަނީ ބާއްވަމުންނެވެ. މިގޮތުން ސެރީނާ ވާދަކުރަމުން އަންނަ ޖިޕްސްލަންޑް ޓްރޮފީގައި އޮސްޓްރޭލިއާގެ ޑާސިއާ ގަވްރިލޯވާ އާ ބައްދަލުކުރިމެޗް އޭނާ ވަނީ ސީދާ ދެސެޓުން ކާމިޔާބުކޮށްފައެވެ. އެއީ ހައެއް އެކެއް އަދި ހައެއް ތިނަކުންނެވެ.