ޚަބަރު

ސިފައިންނަށް ފްރަންޓްލައިން އެލަވަންސް ދިނުމުގެ މަސައްކަތް ފަށައިފި


ކޯވިޑް-19ގެ މަސައްކަތުގެ ފްރަންޓު ލައިންގައި މަސައްކަތް ކުރެއްވި ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖެހި، ފައިސާ ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ސިފައިންގެ ހަފްތާ މަޖައްލާ "އައްޑަނަ" އަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާރު ވަނީ، ކޯވިޑް-19 އާ ދެކޮޅަށް "ފްރަންޓްލައިނަރސް"ގެ ގޮތުގައި މަސައްކަތްކުރާ ސިފައިންނަށް އެލަވަންސް ފައިސާ ހަމަޖައްސަވައިދެއްވާފައިކަމަށެވެ. އަދި ފައިސާއާ ބެހޭ ކަންކަމާމެދު ގޮތެއް ނިންމުމަށް، އޮންނަ އުޞޫލުގެ ތެރެއިން، ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން، އެމަޖިލީހުން ވަނީ، އެކަމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވާފައިކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ކޮމަޑާންޓް ސަރވިސް ކޯރ ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤް، ކޮމާންޑަރ ނޮދަން އޭރިއާ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް، ކޮމާންޑަރ ސަދަން އޭރިޔާ ކާނަލް އިބްރާހީމް ރަޝީދު، އެޖުޓަންޓް ޖެނެރަލް ކާނަލް މުޙައްމަދު އިބްރާހީމް، ކޮމާންޑަރ މާލެ އޭރިއާ ކާނަލް އަޙްމަދު ޣިޔާސް، ކޮމާންޑަރ ސެންޓްރަލް އޭރިއާ ކާނަލް އިބްރާހީމް ޙިލްމީ އަދި ކޮމަޑާންޑް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމެވެ.

މިކޮމިޓީއަށް ލަފަޔަށް އެދުމުން ސިފައިންގެ ޚިޔާލާއި މަޝްވަރާ ހިމެނޭހެން، މުޅި އަސްކަރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށް އަދި ހުރިހާ ސިފައިންގެ މަޞްލަޙަތަށް ވިސްނަވައިގެން، އިންސާފުވެރިކަމާއެކު، ދެފުށްފެންނަ ގޮތެއްގައި، އެލަވަންސް ފައިސާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ސިފައިންނަކީ ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އިސްވެ ޙަރަކާތްތެރިވުމަށް، ސިފައިންގެ ޤާނޫނުން މަތިކޮށްފައިވާ ބައެއްކަމަށެވެ.

ޤައުމާއި ރައްޔިތުން، އެހީގެ އަތަކަށް އެދޭ ކޮންމެ ފަހަރަކު، "ފަރސްޓް ރެސްޕޮންޑަރސް"ގެ ގޮތުގައި، "ފްރަންޓްލައިން"ގައި ހުޝިޔާރުކަމާއެކު، ސިފައިން ކުރާ މަސައްކަތް އެންމެން ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް ސަރުކާރުން ހިންގަވާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައިވެސް، ދިވެހި ސިފައިން، ކަމާބެހޭ އެހެން އިދާރާތަކާއެކު، އެއްވެސް ފަސްޖެހުމެއް އަދި ވަރުބަލިކަމެއްނެތި، ރެއާއި ދުވާލު، ޙަރަކާތްތެރިވަމުންދާކަމީ އުފަލާއިއެކު ބަލައިގަންނަ ކަމެއްކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރިޒާ

އެއާރޕޯރޓް ގަ ވެސް އެ ނުރަައްކާ ވަގުތުގަ މުވައްޒަފުން ނެރެގެން މަސައްކަތް މަސައްކަތް ކުރުވި، އެކަމަކު މިއަދާ ހަމަޔައްވެސް އެއްވެސް އެލަވަންސް އެއް އަދި ނުދެ.، ހަމަ އެކަނި ޝުކުރިއްޔާއޭ ބުނެލިކަން.