ވިޔަފާރި

އިތުރު ކޭޝް އެޖެންޓުންނާއެކު ޑިޕޮސިޓް އަދި ޕޭމަންޓްގެ ޚިދުމަތް ބީއެމްއެލްއިން ފުޅާކުރަނީ


ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް ބީއެމްއެލުން ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިއަހަރު ތެރޭ 100 ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާދެއްކުމުގެ ހިދުމަތް ފުޅާކުރުމަށް އެބޭންކުން ނިންމައިފައިވާކަމަށެވެ.

ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓުން ފައިސާ ނެގުމުގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބެއެވެ. އަދި މި ހިދުމަތަކީ އެއްވެސް ފީ އަކާ ނުލާ ބޭންކުން ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ.

ބީއެމްއެލުން ހާމަކުރާގޮތުގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކޭނެ ނިޒާމް ގާއިމްކުރެވިގެން ދިޔުމާއެކު މި ހިދުމަތް ވަނީ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ހިދުމަތަކަށްވެފައިކަމަށެވެ. މި ގޮތުން ފާއިތުވި އަހަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ 41 ޑިޕޮސިޓް ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުން ވަނީ 180 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ކަސްޓަމަރުންނަށް ބްރާންޗް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރުކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ކޭޝް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތް ހޯދޭނެއެެވެ. މި ހިދުމަތަކީ ބީއެމްެއެލް ގެ ބްރާންޗެއް ނުވަތަ އޭޓީއެމްއެއް ނެތް ރަށްރަށުގައި އަސާސީ ބޭންކިންގ ހިދުމަތް ފޯރުކުރުމަށްޓަކައި 2014 ވަނަ އަހަރު ތައާރަފް ކުރެވުނު ހިދުމަތެކެވެ. މިހާރުވެސް 200 އަށް ވުރެ ގިނަ ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް އަންނަނީ ފޯރޮކޮށްދެމުންނެވެ.