ވިޔަފާރި

ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކުރިން މިނިސްޓްރީއަށް ލިޔެކިޔުންތައް ފޮނުވަންޖެހޭ


ގަސްގަހާއި ގެއްސާއި ޖަނަވާރު ރާއްޖެއަށް އެތެރެކުރުމުގެ 24 ގަޑިއިރުކުރިން އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް އެގްރިކަލްޗަރ މިނިސްޓްރީއަށް ފޮނުވަންޖެހޭ ގޮތަށް ހެދުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ ފަހަކަށްއައިސް ރާއްޖެއަށް ދިރޭ ޖަނަވާރު އަދި ދިރޭގަހާއި ގަހުގެ ބައިތައް އެތެރެކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި މިތަކެތި ބަލައި ފާސްކުރުމުގައި އަދި ލިޔެކިޔުން ހޯދުމުގައި، އެ މިނިސްޓްރީއަށް އަދި ތަކެތި އެތެރެކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން މިމަހުގެ 15 ވަަނަ ދުވަހުގެ ފަހުން ގަސްގަހާއި ގެއްސާއި ޖަނަވާރު ރާއްޖެއަށް އެތެރެކުރުމުގެ 24 ގަޑިއިރުކުރިން އެކަމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތައް އެ މިނިސްޓްރީއަށް ފޮނުވަންޖެހޭނެކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރެއެވެ.

ލިޔެކިޔުންތައް ފޮނުވަން ޖެހެނީ އެ މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓުގެ "އެގްރިކަލްޗަރ އޮންލައިން ޕޯރޓަލް" (www.aos.egov.mv) ގެ ޝިޕްމަންޓް ނޯޓިފިކޭޝަން މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޔުނިޓަށް ޝިޕްމަންޓް ނޮޓިފިކޭޝަން ނުފޮނުވާ ފަރާތްތަކުގެ ޝިޕްމަންޓް ބަލާ ފާސްކުރުމުގައި، ދިމާވާ ދަތިތަކަށް އެ މިނިސްޓްރީގެ ފަރާތުން ޒިންމާނުވާނެ ކަމަށެވެ.

ރާއްޖެއަށް ގަސްގަހާއި ގެއްސާއި ޖަނަވާރު އެތެރެކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤާވައިދުތަކާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.