ވިޔަފާރި

މިދިޔަ އަހަރު ވީއައިއޭއަށް ޖައްސާފައިވަނީ ބައިނަލްއަޤްވާމީ 9856 ފްލައިޓް


މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ ބައިނަލްއަޤްވާމީ 9856 ފްލައިޓްކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ އައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ދަށްވެފައެވެ. 2019 ވަނަ އަހަރު ރާއްޖެއަށް ބައިނަލްއަޤްވާމީ 13781 ފްލައިޓް ވަނީ އައިސްފައެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 5896 ފްލައިޓެވެ.

ރާއްޖެއައި ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ އަދަދު މިދިޔަ އަހަރު ދަށްވެފައިވަނީ ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ދުނިޔޭގެ އެހެން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ބައިނަލްއަޤްވާމީ ފްލައިޓްތަކުގެ ދަތުރުތައް މުޅިން ހުއްޓުމުންނެވެ.

މިދިޔަ އަހަރު ރާއްޖެ އައި ފްލައިޓްތަކުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް 2019 ވަނަ އަހަރާއި އަޅާބަލާ މިދިޔަ އަހަރު ރާއްޖެއައި ފްރައިވެޓް ޖެޓްތަކާއި، ޗާޓަރ ފްލައިޓްތައް ވަނީ އިތުރުވެފައެވެ. އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޕްރައިވެޓް ޖެޓްތަކާއި، ޗާޓަރު ފްލައިޓްގެ ގޮތުގައި ރާއްޖެ އައިސްފައިވަނީ 981 ފްލައިޓެވެ. ނަމަވެސް 2020 ވަނަ އަހަރު މި އަދަދު ވަނީ 1101 ފްލައިޓަށް އިތުރުވެފައެވެ.

ޕްރައިވެޓް ޖެޓްތަކާއި، ޗާޓަރު ފްލައިޓްތައް އިތުރުވިނަމަވެސް ޝެޑިއުލްކޮށްގެން ރާއްޖެ އައި ފްލައިޓްތައް ދަށްކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 2019 ވަނަ އަހަރު ޝެޑިއުލް 12800 ފްލައިޓް ރާއްޖެ އައިއިރު، 2020 ވަނަ އަހަރު ރާއްޖެ އައީ 4795 ފްލައިޓެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މިއާއިއެކު މިހާރު ގިނަ ބައިނަލްއަޤްވާމީ ފްލައިޓްތަކަކުން އަންނަނީ އަލުން ރާއްޖެއަށް ދަތުރުކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބައިނަލްއަޤްވާމީ 27 އެއަރލައިންއަކުން އަންނަނީ މިހާރު ރާއްޖެއަށް ދަތުރުކުރަމުންނެވެ.