ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020: ޒެފިޔާ މޮޅަކާއި އެކު މުބާރާތް ނިންމާލައިފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 ގައި އެފްސީ އަފިރިންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި އެފްސީ ޒެފިޔާ މުބާރާތް ނިންމާލައިފިއެވެ.

އެފްސީ އަފިރިން އާއި އެފްސީ ޒެފިޔާ ބައްދަލު ކުރީ އެ ދެޓީމުވެސް މުބާރާތުގައި ކުޅޭ އެންމެ ފަހު މެޗުގައެވެ. މިމެޗު އެފްސީ ޒެފިޔާ ކާމިޔާބު ކުރީ 2-9 ގެ ތަފާތަކުންނެވެ. ގިނަ ލަނޑުތަކެއް ފެނިގެން ދިޔަ މިމެޗުން މޮޅުވުމާއި އެކު ޒެފިޔާ މުބާރާތް ނިންމާލީ ކުޅެން ޖެހޭ 3 ތިންމެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެ 3 ޕޮއިންޓާއެކުގައެވެ. އެފްސީ އަފިރިން އެއްވެސް މެޗަކުން މޮޅުވެފައި ނުވެއެވެ.

މި މެޗުގައި މުޅި މެޗު ކޮންޓްރޯލް ކުރީ އެފްސީ ޒެފިޔާއެވެ. އެގޮތުން އެޓީމަށް ފުރަތަމަ ހާފުގައި އަފިރިން ޓީމުގެ ގޯލު ހުޅުވާލައިދިނީ، ޓީމުގެ ޢަލީ އަބްދުﷲއެވެ. އެ ގޯލަށް ފަހު ޓީމުގެ އިބްރާހިމް ހާރިޝް 29 ވަނަ މިނެޓުގައި ގޯލެއް ޖެހިއެވެ. ޒެފިޔާ ޓީމުގެ 3 ވަނަ ގޯލް ކާމިޔާބު ކުރީ މިމެޗުގައި ހެޓްރިކްވެސް ހެދި އެޓީމުގެ އައިމަން ޒާހިރުއެވެ. މިހާފުގައި އަފިރިން ޓީމުންވެސް ހަމަލާ އުފައްދަން މަސައްކަތް ކުރި ނަމަވެސް ގޯލާ ހަމައަށް ވާސިލު ނުވެވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ފެށިގެން ފުރަތަމަ 2 މިނެޓުގެ ތެރޭގައި އެފްސީ އަފިރިން ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލާއެކު ޒެފިޔާ ޓީމަށް ލީޑު އިތުރަށް ފުޅާވިއެވެ. މެޗުގެ 5 ވަނަ ލަނޑު ޖެހީ ޒެފިޔާގެ އައިމަން ނަޒީރުއެވެ. މި ލަނޑަށް ފަހު އަފިރިން ޓީމުން ކުރި މަސައްކަތުން މިފްޒާ ލަތީފު އެޓީމަށް ގޯލެއް ކާމިޔާބު ކޮށްދިނެވެ. ޒެފިޔާ 6 ވަނަ ލަނޑު ޖަހައި އެނާގެ ހެޓްރިކް އައިމަން ފުރިހަމަ ކުރިއިރު، އެ ޓީމުގެ 7 ވަނަ ލަނޑު މުހައްމަދު ނިހާދު ކާމިޔާބު ކުރިއެވެ. އެޓީމުގެ 8 ވަނަ ލަނޑު ކާމިޔާބު ކުރީ، އިބްރާހީމް ހަރިޝްއެވެ. އަފިރިން ޓީމުންވެސް މިހާ ހިސާބުން ލަނޑެއް ކާމިޔާބުކޮށް ފަރަޤު ކުޑަ ކުރިއެވެ. ނަމަވެސް ފަރަޤު ޒެފިޔާ ދެމެހެއްޓީ މެޗުގައި އެޓީމުން ޖެހި ފަހު ގޯލާއި އެކުއެވެ. އެގޮތުން ޓީމުގެ 9 ވަނަ ގޯލު ޖެހީ އެޓީމުގެ އަހުމަދު ޝިފާންއެވެ.

މެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެފްސީ ޒެފިޔާގެ ކޯޗު އަހުމަދު އަޒްމީން ބުނީ މިފަދަ ގިނަ މުބާރާތް ބޭއްވުން މުހިންމު ކަމަށެވެ. އެގޮތުން އެޓީމަށް މިފަހަރު ދިމާވީ ފިޓްނަސް މައްސަލަ ކަން އޭނާ ފާހަގަ ކުރިއެވެ.

" ފިޓްނަސް މައްސަލަ އާއި، އިންޖަރީގެ މައްސަލަ ޓީމަށް ދިމާވީ. ޓީމުގެ ފޯވާޑް ލައިން ފެށިއިރުވެސް އޮތީ އިންޖަރީގައި. އަސްލު އެއީ ކަންނޭގެ ދިމާވި އެންމެ ބޮޑު މައްސަލައަކީ. އައްޑޫގައި އެބަޖެހޭ އަހަރެއްގެ މައްޗަށް މީގެ ދެ މުބާރާތް ނުވަތަ ތިން މުބާރާތް ބާއްވަން. އޭރުން އައްޑޫގެ ފުޓުބޯޅަ ވަރަށް ބޮޑަށް ކުރިއަރައިގެން ދާތަން ފެންނާނެ " އަޒްމީން ބުޏްނެވެ.

އެފްސީ އަފިރިން ޓީމުގެ ކޯޗު މުހައްމަދު އަލީ ބުނީ އެޓީމުން މުބާރާތަށް ތައްޔާރުވީ ކުޅުންތެރިން ކުރިއަށް މުބާރާތްތަކަށް ތައްޔާރު ކުރުމަށް ކަމަށެވެ. އެގޮތުން މިމުބާރާތުގައި އެންމެ އެކަށީގެންވާ ޕާފޯމެންސް ނުދެވޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

" މެޗަކަށް ފަހަށް މެޗެއް ޕަފޯމަންސް ރަނގަޅޭ ބުނެވޭކަށް ނެތް. ކޮންމެ މެޗަކުން ވެސް ބަލިވަމުން އައީމަ ޕަރފޯމަންސް އެންމެ ރަނގަޅޭ ބުނެވޭ ކަށް ނެތް. އަޅުގަނޑުމެން ތައްޔާރުވީ ކުރިއަށް މުބާރާތްތައް ހުރުމާއެކު ކުޅުންތެރިން ގެއްލި މާޔޫސް ކަމެއް ގެނެސް ނުދިނުމަށް. އުއްމީދު ކުރާ ގޮތުގައި ކުރިއަށް ހުރި މުބާރާތްތަކުން އެޓީމަށް ރަނގަޅު ކަމީޔަބީތަކެއް ލިބޭނެ" މުހައްމަދު އަލީ ބުންޏެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ ގްރޫޕް ބީ ގެ މަރަދޫ އެފްސީ އާއި މެދުވަލު އެފްސީއެވެ. މީގެ ތެރެއިން މަރަދޫ އެފްސީ އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.