ކުޅިވަރު

ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މިގޮތުން މިހާފްގައި ލިވަޕޫލަށް ވެސްޓް ހޭމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މިމެޗްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ޖަހައިދިނީ މުހައްމަދު ސަލާއެވެ. އަދި ދެވަނަ ލަނޑު އޭގެ ނުވަ މިނެޓްފަހުން އެޓީމުން އުފެއްދި ކައުންޓަރ އެޓޭކެއްގައި ޖަހައިދިނީވެސް ސަލާއެވެ. މިމެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ޖިއޮޖީނިއޯ ވައިނާލްޑަމްއެވެ. މިލަނޑު ޖެހިތާ 3 މިނެޓްފަހުން ވެސްޓް ހޭމްއިންވަނީ މިމެޗްގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހާފައެވެ. މިލަނޑު ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރ ކްރެއިގް ޑޯސަންއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލް މިވަނީ ޖެހިޖެހިގެން ދެވަނަ މެޗުން މޮޅުވެފައެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް މި ސީޒަންގައި ދިމާވެފައިވާ ލިވަޕޫލް މިކާމިޔާބީއާއެކުވަނީ ޕޮއިންޓް ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 21 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކުއެވެ. އަދި ތާވަލްގެ އެންމެ ކުރީގައި މިވަގުތު އޮތް މެންޗެސްޓަރ ސިޓީއާ ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެސް ވެފައެވެ. ނަމަވެސް ލިވަޕޫލްވަނީ އެއްމެޗް އިތުރަށް ކުޅެފައެވެ. މިމެޗުން ބަލިވުމުން ވެސްޓް ހޭމް އޮތީ ކުޅުނު 21 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.