އަންނަ ކައުންސިލް އިންތިޚާބުގައި ވޯޓްލުމަށް މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކުރެވޭނެކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ހާމަކުރައްވައިފިއެވެ. ކޯވިޑްގެ ބައެއް ކޭސްތައް ފެނި ޑީއެންއާރުން ދެމުން އަންނަ ހިދުމަތްވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލްމަހުގެ 10 ވަނަދުވަހު ބާއްވަން ނިންމާ އެކަމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ރަށްވެހިކަން ބަދަލުކުރެވޭނެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 8 ވަނަ ދުވަސްކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލްކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާތީ، ރަށްވެހިކަން ބަދަލުކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، އަންނަ ފެބުރުއަރީމަހުގެ 8 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށްވެސް އިސީން ވަނީ އަންގާފައެވެ.
އެހެންނަމަވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފަކު ޕޮޒިޓިވްވެ އެ އިދާރާއިން ދެމުން އައި ޚިދުމަތް މިދިޔަ މަހުގެ 27 ވަނަދުވަހުން ފެށިގެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެ ޑިޕާޓްމެންޓުން ވިދާޅުވީ ހިދުމަތް މެދުކަނޑާލާފައިވުމުން މުއްދަތު ހަމަވެފައިވާ އައިޑީކާޑު ބޭނުންކޮށްގެން މިފަހަރު ކައުންސިލް އިންތިޚާބުގައި ވޯޓް ލެވޭނެކަމަށެވެ. އަދި މިގޮތަށް ކަނޑައެޅީ މިހާރު މާލޭ ސަރަހައްދުގައި ކޯވިޑްގެ ހާލަތު ހުރި ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން ރަގަޅު ކަމެއްކަމުގައި ނުފެންނާތީކަމަށެވެ.
ޑީއެންއާރުން ވިދާޅުވީ ކުރިޔެކޭވެސް އެއްގޮތަަށް މުއްދަތު ހަމަވެފައިވާ ކާޑަށް އަންނަ ޖޫންމަހުގެ 31 ވަނަދުވަހުގެ ނިޔަލަށް ކާޑު ބޭނުންކޮށްގެން ލިބޭ ހިދުމަތް ދިނުމަށް އަންގާކަމަށެވެ.
ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު އެއްކޮށް އޮތީ އައިޑީކާޑު ހެއްދުން ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި މުއްދަތު ހަމަވެފައިވާ ހުރިހާ ކާޑަކަށް މިދިޔަ އަހަރު ނިމެންދެން ހިދުމަތްލިބޭނެ އިންތިޒާމު އެ އިދާރާއިން އޮތީ ހަމަޖައްސާފައެވެ.