ޚަބަރު

މަނީލޯންޑަރިންނާއި ރިޝްވަތުގެ ދައުވާއަށް ޔާމީން އިންކާރުކުރައްވައިފި


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއަށް އެމަނިކުފާނު އިންކާރުކުރައްވައިފިއެވެ. ދައުލަތުން ރައީސް ޔާމީނާއި ދެކޮޅަށް ދައުވާކުރާ މި ދެ މައްސަލާގައި ދަށު ކޯޓްގައި ހިނގާ އަޑުއެހުންތައް މަޑުޖައްސާލުމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ އެދިފައެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ.ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މި މައްސަލާގައި ދައުވާއަށް އިންކާރުކުރެއްވުން ފިޔަވާ އެއްވެސް ވާހަކައެއް ރައީސް ޔާމިން ދައްކާވަފައެއް ނުވެއެވެ. މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ އިސް ވަކީލް އަދި އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ދައުލަތުން ދައުވާކުރަނީ ހިނގާފައި ނުވާކަމެއް ކުށެއްގެ ގޮތުގައި ހަދައިގެންކަމަށެެވެ. އަދި މީ ސިޔާސީ ގޮތުން ޒާތީ ހަސަދައެއް އޮވެގެން ކުރާ ދައުވާއެއްކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ޔާމީނާއި ދެކޮޅަށް ދައުވާކުރަނީ އަސްލު ކުށްކުރި މީހުން ހެކިންނަށް ހަދައިގެންކަމަށްވެސް ޖަމީލް ވިދާޅުވިއެވެ

ރައީސް ޔާމީންގެ ޓީމުން ވަނީ ޝަރީއަތް މަޑު ޖައްސާލުމަށް އެދިފައެވެ. ސަބަބެއްކަމަށް ވިދާޅުވީ އެ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ނުލިބެނީސް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ދަށުކޯޓުން ނިންމި ނިންމުން ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވާތީކަމަށެވެ. އެހެންނަމަވެސް ޖަމީލް ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓްގެ ރެޖިސްޓަރ ނިންމާފައިވާކަމަށާއި އިސްތިއުނާފަށް ހުށައަޅާފައިވަނީ ރެޖިސްޓަރގެ ނިންމުން ހައިކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުގައިކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުގެ މި ވާހަކަތަކަށް ޖަވާބު ދެއްވަމުން މައްސަލަ ބައްލަވާ ކްރިމިނަލްކޯޓްގެ އިސްގާޒީ ވިދާޅުވީ ހައިކޯޓަށް މައްސަލަ ހުށައެޅިކަމަށް ބުނާ ބުނުން ފިޔަވާ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަމަށެވެ. އަދި ޝަރީއަތް މަޑުޖައްސާލަން ނިންމޭނީ އެފަދަ ލިޔުމެއް ހުށައެޅުންކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލާގައި ދެފަރާތުން ހެކި ހާމަކުރުމަށް އިތުރު އަޑުއެހުމެއް އަންނަ މަހު ބާއްވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ. މި މައްސަލާގައި ދައުލަތުންވަނީ ރައީސް ޔާމީންގެ އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކޯޓްގައި އެދިފައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ.