ހޮންގުކޮންގުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިންނަށް ވުމުގެ ފުރުޞަތުދޭ އައު ވިސާއެއް އިނގިރޭސިވިލާތުން ތަޢާރަފުކޮށްފިއެވެ.
އެ ވިސާ ތަޢާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ޗައިނާއިން ހޮންގުކޮންގުގައި އައު ސަލާމަތީ ޤާނޫނެއް ތަންފީޒުކުރުމުގެ ސަބަބުން ހޮންގުކޮންގަށް ކުރިމަތިވެފައިވާ ފިއްތުންތަކާއި ގުޅިގެންނެވެ. ހޮންގުކޮންގުގެ ރައްޔިތުންނަށް އިނގިރޭސިވިލާތުގެ ރަށްވެހިންނަށް ވުމުގެ ފުރުޞަތުދޭ އައު ވިސާއެއް އިނގިރޭސިވިލާތުން ތަޢާރަފުކޮށްފައި މިވަނީ ހޮންގުކޮންގުގެ ރައްޔިތުން ދަތުރުކުރުމަށް ޞައްޚަ ލިޔެކިޔުމެއްގެ ގޮތުގައި ބްރިޓިޝް ނޭޝަނަލް އޮވާސީސް (ބީއެންއޯ) ޕާސްޕޯޓު މީގެ ފަހުން ޗައިނާއިން ބަލައިނުގަންނާނެކަމަށް އެ ޤައުމުން އިޢުލާނުކޮށްފައިވަނިކޮށެވެ.
2019 އަހަރާއި 2020ވަނަ އަހަރުގައި ހޮންގުކޮންގުގައި ޑިމޮކްރަސީ ޤާއިމްކުރުމަށް ގޮވާލައި އެ ޤައުމުގެ ރައްޔިތުންވަނީ ގިނަ މުޒާހަރާތަކެއް ކޮށްފައެވެ. އެ މުޒާހަރާތަކާއި ގުޅިގެން ޗައިނާއިން ހޮންގުކޮންގުގައި ސަލާމަތީ ޤަނޫނުތައް ތަންފީޒުކުރުމަކީ ހޮންގުކޮންގުގެ ރައްޔިތުންގެ އަޑު ކަނޑައިލުމަށް ޗައިނާއިން ކުރާ މަސައްކަތެއްކަމަށް އިނގިރޭސިވިލާތާއި އެމެރިކާއިންދަނީ ތުހުމަތުކުރަމުންނެވެ.
ޗައިނާއިން ހޮންގުކޮންގުގައި ސަލާމަތީ ޤާނޫނުތައް ތަންފީޒުކުރުމުން ހޮންގުކޮންގުގެ ހައްޤުގައި އިނގިރޭސިވިލާތުން އެކަމާއި ދެކޮޅަށް އަޑުއުފުލުމަކީ އެ ޤައުމުގެ ޒިންމާއެއްކަމަށް ޤަބޫލުކުރާކަމަށް އިނގިރޭސިވިލާތުން ބުނެއެވެ. އިނގިރޭސިވިލާތުން ބުނީ ޗައިނާއިން ހޮންގުކޮންގުގައި ސަލާމަތީ ޤާނޫނު ތަންފީޒުކުރުމަކީ 1997ވަނަ އަހަރުގައި އިނގިރޭސިންގެ ބެލުމުގެ ދަށުން ޗައިނާގެ ބެލުމުގެ ދަށަށް ހޮންގުކޮންގު ޙަވާލުކުރުމުގައި އިނގިރޭސިވިލާތާއި ޗައިނާއާއި ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފުކަމެއްކަމަށެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ އަލަށް ތަޢާރަފްކުރި ވިސާއަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ޤަބޫލުކުރާކަމަށެވެ. އެގޮތުން އެ ވިސާގެ ދަށުން ހޮންގުކޮންގުގެ 300،000އަށްވުރެ ގިނަ މީހުންނާއި އެމީހުންގެ ޢާއިލާ އިނގިރޭސިވިލާތަށް ބަދަލުވާނެކަމަށް ބެލެވޭކަމަށް އެ ޤައުމުން ބުންޏެވެ. މިދިޔަ އަހަރު ފުރަތަމަ ފަހަރަށް އިޢުލާނުކޮށްފައިވާ އެ ސްކީމުގެ ދަށުން ބީއެންއޯ ސްޓޭޓަސް އޮތް ހޮންގުކޮންގުގެ ރައްޔިތުން ފަސް އަހަރުވަންދެން އިނގިރޭސިވިލާތުގައި ދިރިއުޅެ، މަސައްކަތްކޮށް ތަޢުލީމު ހާޞިލްކުރުމުގެ ފުރުޞަތު ލިބެއެވެ. ފަސް އަހަރު ހަމަވުމުން ރަށްވެހިންނަށްވުމަށް އެ ފަރާތްތަކަށް އެދެވޭނެއެވެ.