ލީބިޔާގެ އިންތިޤާލީ ސަރުކާރު ހިންގުމަށް ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓަށް އދ.ން ރުހުން ދީފިއެވެ.
އދ.ން ބުނީ މިހާރު ކުރިއަށްދާ ލީބިޔާގައި ޞުލްޙަ ޤާއިމްކުރުމާއިގުޅޭ މަޝްވަރާތަކުގައި، މި އަހަރުގެ ފަހުކޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލީބިޔާގެ އިންތިޚާބަށް އެ ޤައުމު ތައްޔާރުކުރުމަށްޓަކައި ޤައުމުގެ ހިންގުމާއި ވަގުތީ ގޮތުން ޙަވާލުވާން ހުށަހަޅާފައިވާ ފަރާތްތަކެއްގެ ލިސްޓަށް ރުހުން ދީފައިވާކަމަށެވެ.
އިންތިޤާލީ ސަރުކާރުގެ ޒިންމާއަކަށްވާނީ ލީބިޔާގައި އުފެދިފައިވާ ބައިބައިވުން ނައްތާލާ އެ ޤައުމުގައި އޮތް ހަމަނުޖެހުންތައް ޙައްލުކުރާނެ ސަރުކާރެއް އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގެ އިންތިޒާމްތައް ހަމަޖައްސައި އެ ވޯޓަށް ޤައުމު ތައްޔާރުކުރުމެވެ. ތިން މީހުންގެ މައްޗަށް ހިމެނޭ ރިޔާސީ ކައުންސިލަކާއި ބޮޑުވަޒީރެއް ޢައްޔަނުކުރުމަށް އަންނަ ހަފުތާގެ ތެރޭގައި ސްވިޒަލޭންޑުގައި މިހާރު ކުރިއަށްދާ ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ 75 ފަރާތުން ވޯޓުލުމަށްވަނީ ހަމަޖެހިފައެވެ. އެ މަޤާމުތަކަށް މީހުން ހޮވާނީ ރިޔާސީ ކައުންސިލުގެ މެންބަރުކަމަށް ނަން ހުށަހަޅާފައިވާ 24 ފަރާތަކާއި ބޮޑުވަޒީރުގެ މަޤާމަށް ނަން ހުށަހަޅާފައިވާ 21 ފަރާތެއްގެ މެދުގައެވެ.
2011ވަނަ އަހަރުގައި ލީބިޔާ ޒަޢީމްގެގޮތުގައި ހުންނެވި މުޢައްމަރު ގައްޒާފީގެ ވެރިކަން ވެއްޓުމަށްފަހު ލީބިޔާގައިވަނީ ބައިބައިވުން އުފެދިފައެވެ. 2014ވަނަ އަހަރުން ފެށިގެން ލީބިޔާވަނީ އދ.ން ބަލައިގެންފައިވާ ސަރުކާރާއި ސަރުކާރާއި އިދިކޮޅު ބެންޒާގީންނާއި ދެމެދުގައި ބެހިފައެވެ. އެގޮތުން ވެރިކަންކުރާ ތުރާބުލުސްގައި މަރުކަޒުވެފައިވާ މައި ސަރުކާރު، ގަވަމަންޓު އޮފް ނޭޝަލަން އެކޯޑު (ޖީއެންއޭ)ގެ ބާރުގެ ދަށުގައި އޮތީ ލީބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކެވެ. އަދި ދެކުނުގެ ސަރަޙައްދުތައް އޮތީ އިދިކޮޅު ޚަލީފާ ޙާފްތާރުގެ ލީބިޔަން ނޭޝަނަލް އާމީ (އެލްއެންއޭ)ގެ ބާރުގެ ދަށުގައެވެ. ޖީއެންއޭއަށް ތުރުކީވިލާތުން ވާގިވެރިވަމުންދާއިރު އެލްއެންއޭއަށް ވާގިވެރިވަނީ ރަޝިޔާއާއި ޔޫއޭއީއާއި މިޞްރުންނެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ލީބިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލައިފައެވެ. އދގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ ލީބިޔާގެ ޞުލްޙައިގެ މަޝްވަރާތަކުގައި ކުރިއެރުމެއް ލިބިފައިވާއިރު، ސަރުކާރުގެ މަތީ މަޤާމުތައް ހޯދުމަށް އޮތް ވާދަވެރިކަން އިތުރުވެ އެ ޤައުމުގައި އަނެއްކާވެސް ތަޅާފޮޅުމާއި ހަމަނުޖެހުން އުފެދިދާނެކަމާއިމެދު އެ ޤައުމުގެ ރައްޔިތުންވަނީ ކަންބޮޑުވެފައެވެ. އިންތިޤާލީ ސަރުކާރުގެ މަޤާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރޭގައި އެލްއެންއޭ އަދި ޖީއެންއޭއަށް ނިސްބަތްވާ ފަރާތްތައްވެސް ހިމެނެއެވެ.