ޚަބަރު

ފަރަންސޭސިވިލާތުގައި ތިންވަނަ ފުރަބަންދެއް ޤާއިމްނުކުރުމަށް ނިންމި ނިންމުން ދިފާޢުކުރައްވައިފި


ފަރަންސޭސިވިލާތުގައި ކޯވިޑް-19ގެ ޙާލަތު ގޯސްވަމުން ދިޔަ ނަމަވެސް އެ ޤައުމު ތިންވަނަ ފަހަރަށް ފުރަބަންދު ނުކުރުމަށް ނިންމެވި ނިންމެވުން އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮން ދިފާޢުކުރައްވައިފިއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 3.17 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 75،862 މީހުންވަނީ އެބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 24،392 މީހުންނަށް ބަލިޖެހި 242 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން 10 އިންސައްތަ މީހުންނަކީ އިނގިރޭސިވިލާތުގައި ފެނިފައިވާ ވާރުތަވުމުގެ ބާރުގަދަ ވައިރަހުގެ ވައްތަރުގެ ސަބަބުން ބަލިޖެހިފައިވާ މީހުންނެވެ.

ފަރަންސޭސިވިލާތުގައި ބަލިފެތުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި އެޤައުމުގެ ސަރުކާރުންވަނީ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އަނެއްކާވެސް ވަރުގަދަކޮށްފައެވެ. އެގޮތުން ޖަނަވަރީ މަހުގެ 31ވަނަ ދުވަހުން ފެށިގެން ވިލާތުގެ އިއްތިޙާދުގައި ނުހިމެނޭ ޤައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތަކަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައްވަނީ ބަންދުކޮށްފައެވެ. ވިލާތުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ފަރަންސޭސިވިލާތަށް އެތެރެވެވޭނީ ބަލި ޖެހިފައިނުވާކަން ޔަޤީންކޮށްދޭ ނެގެޓިވް ތަހުލީލު ނަތީޖާއެއް އޮތްނަމައެވެ. އެ ޤައުމުގެ ބޮޑެތި ވިޔަފާރި މަރުކަޒުތައް ބަންދުކުރަން ނިންމާފައިވާއިރު އިރުއޮއްސި ހަޔަކުން ފެށިގެން ހިންގާ ކާފިއު ތަންފީޒުކުރުމަށް މަގުތަކުގައި ފުލުހުން ޙަރަކާތްތެރިވުމަށްވަނީ ހަމަޖެހިފައެވެ.

ނަމަވެސް މި ޙާލަތުގައި ދުވާލުގާޑީގައި ކާފިއު އިޢުލާނުކޮށް ޤައުމު ފުރަބަންދުކުރައްވަން ބޭނުންފުޅު ނުވާކަމަށް ރައީސް މެޚްރޮން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިވަގުތަށް ބޭނުންފުޅުވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ހެޔޮ ނަތީޖާއެއް ފެނޭތޯ ބެއްލެވުމަށްކަމަށާއި ފިޔަވަޅުތައް އިތުރަށް ހަރުކަށިނުކޮށް ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާއިބެހޭ ވަޒީރު އޮލިވިއާ ވެރަން ވިދާޅުވީ އިނގިރޭސިވިލާތުން ފުރަތަމަ ފެނުނު ވައިރަހުގެ ވައްތަރު ފަރަންސޭސިވިލާތުގައި ފެތުރެމުންދާ ހަލުވިމިން ކުރިން އަންދާޒާކުރި ވަރަށްވުރެ ލަސްކަމަށެވެ. އެހެންކަމުން ފުރަބަންދުކުރުމާއި ގުޅޭ ނިންމުންތައް އަދި ހަފުތާއެއްހާ ދުވަހަށް ލަސްކޮށްލުމުގައި ގޯހެއް ނެތްކަމަށް ސަރުކާރުގެ މުޝީރުން ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވައިރަސް ފެތުރޭ މިންވަރު ހަލުވިވެއްޖެ ނަމަ އިތުރު ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން އަވަސްވެގަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ލޮކްޑައުންގެ ޙާލަތު އިޢުލާނުކުރަން ޖެހިއްޖެނަމަ އެގޮތަށް ސަރުކާރުން ޢަމަލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ އެހެން ޤައުމުތަކާއި އަޅައިބަލާއިރު ފަރަންސޭސިވިލާތުގައި ކޯވިޑް-19 ވެކްސިންދޭ ހަލުވިމިނާއިމެދުވެސް ރައީސް މެޚްރޮންއަށްވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަރަންސޭސިވިލާތުގައި މިހާތަނަށް ވެކްސިން ދީފައިވަނީ 1.45 މިލިއަން މީހުންނަށެވެ. އިނގިރޭސިވިލާތުގައި ވެކްސިން ދީފައިވާ މީހުންގެ ޢަދަދުހުރީ 8.4 މިލިއަނުގައެވެ.

ފަރަންސޭސިވިލާތުގައި މިހާރު ފައިޒަރއާއި ބަޔޯއެންޓެކުގެ ވެކްސިނަށާއި މޮޑާނާގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު މި ހަފުތާގެ ތެރޭގައި އެސްޓްރަޒެނެކާގެ ވެކްސިނާއިގުޅޭގޮތުން ނިންމުމެއް ނިންމާނެކަމަށް ބެލެވެއެވެ.