ކެނދިކުޅުދޫ
ސްކޫލްގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް
ދިހައެއްގެ ދަރިވަރު އައިޝަތު ރީޝާ ހަނީފް ހޮވިއްޖެ އެވެ.
ކެނދިކުޅުދޫ
ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ރީޝާ ހޮވިފައިވާއިރު ރީޝާ ވަނީ
މިދިޔަ އަހަރުގެ އޯލްވެލް އިމްތިހާނުން ދެވަނައިގައިވެސް ހިމެނިފައެވެ. ރޭ
ކެނދިކުޅުދޫ ސްކޫލްގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި ރީޝާ އަށް އިނާމް
ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިމެހުމާން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ
ޑޮކްޓަރ މުޙައްމަދު ލަތީފް އެވެ.
ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުން ޗާންސެލަރ ޑޮކްޓަރ ލަތީފް ވަނީ ސްކޫލް ނިންމުމަށްފަހު
ވަޒީފާ އެއް އަދާކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު
ދައްކަވާފައެވެ. އެގޮތުން ސްކޫލް ނިންމުމަށް ފަހު އެއްވެސް މީހަކަށް އެމީހަކު
އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނެކަމަށާއި ، ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި
ތަންތަނުގައި އެންމެ އިސްސަފުގައި މަސައްކަތްކުރައްވާ ބޭފުޅުންނަކީ އެމީހަކު
އެންމެ ބޭނުންވާ ވަޒީފާ އަދާކުރަން ފެށިބައެއް ނޫންކަމަށް ވިދާޅުވިއެވެ. އެހެން
ކަމުން ސްކޫލް ނިންމުމަށް ފަހު ކޮންމެވެސް ވަޒީފާއެއް އަދާކުރުމުގައި ދަރިވަރުން
ޝާމީލް ކުރުވުމަށް ބެލިވެރިންނާއި ، ޓީޗަރުންވެސް ސަމާލުވުމަށް އެދިވަޑައިގެންނެވިއެވެ.
ރޭގެ
ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދައިރާގެ މެމްބަރު އަލީ މައުރޫފް ވަނީ ސަރުކާރުން
އެދާއިރާއަށް އަދި ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުންދާ މަސައްކަތް
ފާހަގަކުރައްވާފައެވެ. އަދި އިނާމް ލިބުނު ދަރިވަރުންނާއި ، އިނާމް ހޯދުމަށް
އިނާމް ނުލިބޭ ދަރިވަރުންވެސް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.
މި ޖަލްސާގައި
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަމަށް ހޮވުނު އައިޝަތު ރީޝާ ހަނީފް ވެސް
ވާހަކަ ދައްކާފައެވެ. ރީޝާ ބުނީ ކިޔެވުމުގައި ކާމިޔާބު ލިބެނީ ގަދައަޅާ މަސައްކަތް
ކުރުމުން ކަމަށެވެ. ކިޔެވުމުގައި ކާމިޔާބީ ހޯދުމުގައި ޓީޗަރުންނާއި ބެލިނިވެރިން
ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. އަދި އެކުގައި ކިޔެވި
ދަރިވަރުންނާއި ވަކިވާންޖެހުނުކަން ވަރަށް އަސަރާއި އެކު ފާހަގަކޮށް ކިޔެވުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް
ދަރިވަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.
ކެނދިކުޅުދޫ ސްކޫލަކީ ، ގްރޭޑް އެކަކުންފެށިގެން
ބާރައާއި ހަމައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. އެ ސްކޫލްގައި ތިން ސަތޭކަ އަށް
ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ. މި ޖަލްސާގައި އެސްކޫލްގެ
އިސްވެރިންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ އިތުރުން ސަރުކާރު
އޮފީސްތަކުގެ އިސްވެެރިން ބައިވެރިވެފައިވެއެވެ.