ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް: ގްރޫޕް ބީ އިން ސެމީގެ ޖާގައެއް ފޭދޫ ޓީމު ކަށަވަރު ކޮށްފި


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ ޖާގައެއް ގްރޫޕު ބީ އިން ފޭދޫ ސްޕޯޓްސް ކަށަވަރު ކޮށްފިއެވެ.

ފޭދޫ ސްޕޯޓްސް މިމުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ، އެޓީމު މަރަދޫ އެފްސީ އާއި އެކު ކުޅުނު ދެވަނަ މެޗު 1-2 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ. މަރަދޫ އެފްސީ މިމެޗުން ބަލި ވުމާއި އެކު ސެމީ ފައިނަލަށް އަމިއްލަ ބާރުގައި ދިއުމުގެ ފުރުސަތު އެއްކޮށް ގެއްލުނީއެވެ. ފޭދޫ ސްޕޯޓްސް ސެމީގެ ޖާގަ ކަށަވަރު ކުރީ، މިހާތަނަށް ކުޅުނު 3 މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއި އެކުއެވެ.

މަރަދޫ އެފްސީ އާއި ފޭދޫ ސްޕޯޓްސް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މަރަދޫ ޓީމުން ރަނގަޅަށް ކުޅުނު ތަން ފެނިގެން ދިޔައެވެ. އަދި ފުލުފުލުގައި ހަމަލާތައް ފޮނުވިއެވެ. އެގޮތުން އެޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ، 36 ވަނަ މިނެޓުގައި ވިޝާމް ހަބީބެވެ. މިހާފުގައި މަރަދޫ ޓީމުން ލީޑު ހިފެހެއްޓި ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވީ ދެވަނަ ހާފުގައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ބައެއް ބަދަލުތަކާއި ފޭދޫ ޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ. އެޓީމުން ކުރި މަސައްކަތުން ޓީމަށް 63 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ، ޔޫސުފް ސިދާމް އަލީއެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިދާމް ވަނީ ފޭދޫ ޓީމަށް އިތުރު ގޯލެއް ޖަހައިދީ 78 ވަނަ މިނެޓުގައި އެޓީމަށް ލީޑު ވެސް ނަގައި ދީފައެވެ. މިއާއެކު މެޗުގެ ބާކީ އޮތް ވަގުތު މަރަދޫ ޓީމަށް އިތުރު ގޯލެއް ނުޖެހި މެޗު ނިންމާލަން ޖެހުނެވެ.

މެޗަށް ފަހު، ފޭދޫ ސްޕޯޓްސްގެ ކޯޗު އިބްރާހިމް ނިޒާރު ބުނީ މެޗު އުނދަގޫ ކަމަށާއި، ޓީމުގައި އިންޖަރީ މައްސަލަ ހުރި ކަމަށެވެ. ނަމަވެސް ކުރިއަށް ހުރި މެޗުތަކަށް ކުޅުންތެރިން ފިޓް ވާނެ ކަމުގެ ޔަޤީން ކަން އޭނާ ވަނީ ދެއްވާފައެވެ.

" ޓީމަށް މިއަދު ކުޅުނު ކީޕަރަކީ 3 ވަނަ ކީޕަރު. ޓީމުގެ މިޑްފީލް ލައިންގައި މުހިންމު 3 ކުޅުންތެރިން ތިބީ އިންޖަރީގައި. އެތަން ދެއްކި ފުރަތަމަ ހާފުގައި. އިންޖަރީ ރިކަވަރ ވާނެ ކަމަށް ޑޮކްޓަރުން ވަނީ އަންގާފަ. އިންޖަރީގައި ތިބި ހުރިހާ ކުޅުންތެރިންވެސް ކުރިއަށް ހުރި މެޗު ތަކުގައި ފެންނާނެ. މިހާރު ސެމީ އަށް ދިއުމުން ކުޅުންތެރިން ދެއްކި ހިއްވަރާއި އެކު ވަރަށް އުފާވޭ. " ނިޒާރު ބުންޏެވެ.

މިމެޗަށް ފަހު، މަރަދޫ ޓީމުން ވަކި އެއްޗެއް ބުނެފައި ނުވެއެވެ. މިނަތީޖާއާއި އެކު ގްރޫޕް ބީ ގައި ފޭދޫ ޓީމުން އިތުރު މެޗެއް ބާކީ އޮވެ ސެމީގެ ޖާގަ މިވަނީ ކަށަވަރު ކޮށްފައެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތް މެދުވަލު އެފްސީ ވެސް ވަނީ ސެމީ އާއި ގާތަށް ޖެހިލާފައެވެ. އެ ޓީމު ދެން ކުޅޭ މެޗު އެއްވަރުވި ނަމަވެސް ޖާގަ އެއްކޮށް ކަށަވަރު ވާނެއެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ، މުބާރާތުން މިހާރު ކަޓާފައިވާ ދެޓީމުގެ ކަމަށްވާ އެފްސީ އަފިރިން އަދި އެފްސީ ޒެފިޔާއެވެ.