ކުޅިވަރު

ހޯފެންހައިމްއާއި ވާދަކޮށް ބަޔާންއަށް ލިބިފައިވާ ލީޑު ދަމަހައްޓައިފި


ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އެއިޓީން ނައިންޓީ ނައިން ހޯފެންހައިމް ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގައި ބަޔޭންއަށް ލިބިފައިވާ ލީޑު ދަމަހައްޓައިފިއެވެ. ބަޔޭންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގައި ބަޔޭންގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާދިނީ ޖެރޮމޭ ބޯޓޭންގއެވެ. އެޓީމްގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ ތޯމަސް މުލަރއެވެ. އަދި އޭގެ އެއްމިނެޓްފަހުން ހޯފެންހައިމްގެ އަންދްރެއި ކްރަމަރިޗް ލަނޑެއް ޖަހާ އެޓީމަށް ހިތްވަރު އާކޮށްދިނެވެ. ނަމަވެސް މެޗްގެ 57 ވަނަ މިނެޓްގައި ބަޔޭންއިން ވަނީ އެޓީމްގެ ތިންވަނަ ލަނޑު ޖަހާ އަނެއްކާވެސް ދެ ގޯލްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މިފަހަރުގެ ބުންޑަސްލީގާގައި އޭނާ ކާމިޔާބުކުރި 24 ވަނަ ލަނޑެވެ. އަދި ބަޔޭންގެ ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ ސަރޖޭ ގެނެބްރީއެވެ.

މިކާމިޔާބީއާއެކު ބަޔޭންއަށް މިހާރުވަނީ 19 މެޗުން 45 ޕޮއިންޓް ލިބިފައެވެ. އަދި ވަގުތީގޮތުން 10 ޕޮއިންޓްގެ ލީޑެއް އެޓީމަށް ލިބުނު ނަމަވެސް ދެވަނައިގާ އުޅޭ އާރްބީ ލިބްޒިގް ރޭ ކުޅުނު މެޗުން އެޓީމް މޮޅުވުމުން އެފަރަގު މިހާރު އުޅެނީ 7 ޕޮއިންޓްގައެވެ. މިމެޗުން ބަލިވުމުން ހޯފެންހައިމް މިހާރުވަނީ 19 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައަށް ފަހަތަށް ޖެހިލާފައެވެ.