މިއަދު ކުރިއަށްދާ އަދާލަތު ޕަޓީގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު މިރޭ 21:00 އާއި ހަމަޔަށް އިތުރުކޮށްފިއެވެ.
އިންތިޚާބުގެ ވޯޓުލުން އިތުރުކޮށްފައިވަނީ އެކަމަށް އެދި ބައެއް ފަރާތްތަކުން އެދުމުންކަމަށް އަދާލަތު ޕާޓީން މައުލޫމާތުދެއެވެ. އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާއިރު، ވޯޓުލުން ނިމޭ ގަނޑިއަކަށް ކުރިން ކަނޑައަޅާފައިވަނީ މިއަދު ހަވީރު 17:00 އެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަދާލަތު ޕާޓީގެ އިންތިޚާބީ ކޮމިޓީން ނިންމާފައިވަނީ އެޕާޓީގެ އިންތިޚާބު އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.
އަދާލަތު ޕާޓީގެ ރައީސާއި ނާއިބް ރައީސް ހޮވުމަށް ބާއްވާ މި އިންތިޚާބުގައި ރައީސް ކަމަށް ވާދަކުރައްވަނީ ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ މިހާރުގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އެވެ.
މިނިސްޓަރ އިމްރާނާއެކު ރަނިންގ މޭޓެއްގެގޮތުގައި ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ގ. އަލިޝާ، އަޙްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިންގ މޭޓެއްގެގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދެވެ.
ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި ތިބީ 6436 މެންބަރުންނެވެ.