ކުޅިވަރު

އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020: ސެމީގެ ފުރަތަމަ ދެ ޖާގަ ބޭރުމަތި އަދި ފާހި ސްޕޯޓްސްއަށް


އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ޤްރޫޕް އޭއިން ބޭރުމަތި އަދި ފާހި ސްޕޯޓްސް ކަށަވަރުކޮށްފިއެވެ. ފާހި ސްޕޯޓްސް ޖާގަ ކަށަވަރު ކުރީ ގްރޫޕުގައި ކުޅެން އޮތް 3 މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ.

ފާހި ސްޕޯޓްސްގެ ދެވަނަ މެޗު ހުކުރު ދުވަހު ކުޅެވުނު އިރު، އެފްސީ އަފިރިންނާ ވާދަކޮށް އެޓީމު މޮޅުވީ 1-5 ގެ ނަތީޖާއިންނެވެ. އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ފާހި ސްޕޯޓްސް އަށް އަފިރިން ޓީމުގެ ގޯލު ހުޅުވާލަ ދިނީ، 13 ވަނަ މިނެޓުގައި ހުސެއިން ޝާމިންއެވެ. އޭގެ 10 މިނެޓު ފަހުން ފާހި ސްޕޯޓްސްގެ އަހުމަދު ޖައިބާޒު ސައީދު ޓީމަށް ލީޑު ފުޅާކޮށްދިނެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުމާ ގާތަށް ގޮސްފައިވަނިކޮށް އަފިރިން ޓީމުގެ އިބްރާޙީމް ޝީޔާމު 41 ވަނަ މިނެޓުގައި ޓީމަށް ފަރަޤު ކުޑަ ކޮށްދިނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅުގައި އެފްސީ އަފިރިން ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، ފާހި ޓީމުގެ ހުސެއިން ޝާމިން މިހާފުގައި އިތުރު ގޯލެއް ޖަހައި، ފާހި ޓީމަށް ލީޑު ފުޅާ ކޮށްދިނެވެ. ބައިކޮޅަށް އިތުރު ގޯލެއް ވަނުމާއި އެކު އަފިރިން ޓީމުގެ ކުޅުން ދައްވެގެން ދިޔަ ކަން ފާހަގަ ކުރެވެއެވެ. މިހާ ހިސާބުން ފާހި ޓީމުގެ އަލީ ސަދޫފު ޝިޔާމު އަދި އިބްރާޙިމް ޝަވީން އެޓީމަށް އިތުރު ދެ ލަނޑު ޖަހައިދީ ޓީމު މެޗުން ބޮޑުން ފަރަޤަކުން މޮޅު ކޮށްދިނެވެ.

މިމެޗަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފާހި ސްޕޯޓްސްގެ ކޯޗު އަލީ ހަނީޒު ބުނީ، މިމެޗުގެ ފުރަތަމަ ހާފުގައި ފާހި ޓީމުގެ ކޯޗު އަލީ ހަނީޒު ބުނީ، ފުރަތަމަ ހާފުގައި ދެ ލަނޑު ޖެހުނު ނަމަވެސް، މެދުތެރެއިން ޓީމުގައި މައްސަލަތައް ހުރި ކަމަށެވެ.

" ފުރަތަމަ ހާފުގައި ދަތި ތަކެއް ހުރި. ކުޅުނު ގޭމަށް ބަލާއިރު، ފުރަތަމަ ހާފުގައި މެދުތެރެއިން ޑޮމިނޭޓު ނުކުރެވި ދިޔަ ތަން ފެނިގެން ދިޔަ. ދެވަނަ ހާފުގައި އެކަން ރަނގަޅު ކުރި. ލަނޑުތަކެއް ޖެހުނު ނަމަވެސް ހާއްސަކޮށް ފުރަތަމަ ހާފުގައި އެންމެ ބޭނުންވާ ކުޅުން މިޑް ފީލްޑް ލައިނުގެ ތެރެއިން ނުކުޅެވި ދިޔައީ. އޭތި ވަރަށް ބޮޑަށް ކިޔައިދީ، މިއަދު ބެންޗުން ބަދަލު ކުރި ކުޅުންތެރިންގެ މަސައްކަތް ވެސް ވަރަށް ރަނގަޅު. " ހަނީޒް ބުންޏެވެ.

އެފްސީ އަފިރިން ކޯޗު މުހައްމަދު އަލީ ފާހަގަ ކުރި ގޮތުގައި، އެޓީމަށް މުބާރާތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ޕްރެކްޓިސް ކޮއްސލާޏެ ރަނގަޅު ދަނޑެއް އެޓީމަށް ނުލިބޭތީ ކަމަށެވެ. ނަމަވެސް މުބާރާތުގައި ކުޅޫންތެރިން ވަރަށް ބޮޑަށް ހިއްވަރު ދެއްކިކަން އޭނާ ފާހަގަ ކުރިއެވެ.

" އަސްލު 90 މިނެޓުގެ މެޗަކަށް ޕްރެކްޓިސް ކުރާނެ ފުރުސަތެއް ނުލިބޭ. ޓީމުގެ ފަރާތުން ކުރި ހިއްވަރަށް ވަރަށް ފަޙުރުވެރިކަމާއި އެކު ޝުކުރުވެރިވަން. ކުޅުންތެރިން ވަރަށް ހިއްވަރު ކޮށްލައިފި. އަޅުގަނޑުމެން އަތުގައި ދަނޑެއް އޮތަސް އެ ދަނޑުގައި އެއްވެސް ގޮތަކަށް ކުދިން ދުއްވާ ނުލެވޭ. މަޑު ފަސްގަނޑެއްގައި އެއީ އަނިޔާ ލިބޭނެ ކަމެއް. މުބާރާތެއް ނިމޭއިރު ކޮންމެވެސް އެއްބަޔަކު ބަލިވާނެ. ބަލި ޤަބޫލު ކުރަން. ފުޓުބޯޅައިގަިއ އޮންނާނީ މޮޅާއި ދެރަ. " ކޯޗު މުހައްމަދު އަލީ ބުންޏެވެ.

މިމެޗުގެ ނަތީޖާ އާއި އެކު އޭ ގްރޫޕުން ބޭރުމަތި އަދި ފާހި ސެމީ ފައިނަލަށް ދާއިރު، އެފްސީ އަފިރިން އަދި ޒެފިޔާ އެފްސީ އެއް މެޗު ބާކީ އޮވެ މުބާރާތުން މިވަނީ ކަޓާފައެވެ. މި ގްރޫޕުގެ އެއްވަނަ ޓީމު އެންގޭނީ ބޭރުމަތި އާއި ފާހި ސްޕޯޓްސް ބައްދަލު ކުރާ މެޗަށް ފަހުއެވެ.

މުބާރާތުގައި މިއަދު ބައްދަލު ކުރާނީ ގްރޫޕް ބީ ގެ ފޭދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީ ޓީމެވެ. މިދެޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފޭދޫ ސްޕޯޓްސް މޮޅުވިއެވެ.