މާލޭ ސިޓީގެ ޕާކުތައް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސް، ހަފްލާތަކާއި ޕާޓީތަކާއި ރަސްމިއްޔާތުތަކަށް ޕާކުތައް ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ސިޓީ ކައުންސިލުން ގެނައި މި ބަދަލާއެކީ ވަނީ ޕާކުތައް ހުޅުވާފައި ބަހައްޓާ ވަގުތުތައް މަދުކޮށްފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ ޕާކުތައް މިހާރު ހުޅުވާފައި ހުންނާނީ ފަތިހު 5:00 އިން ފެށިގެން ހެނދުނު 8:00 އަށް އަދި ހަވީރު 5:00 އިން ރޭގަނޑު
8:00 އަށް ކަމަށެވެ. ސިޓީ ކައުންސިލުން ވިދާޅުވީ މި އުސޫލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެންކަމަށެވެ.
މިހާރު ޕާކުތައް ހުޅުވާފައި ހުންނަނީ ފަތިހު 4:30އިން ފެށިގެން ހެނދުނު 9:30އަށެވެ. އަދި ހަވީރު 4:00އިން ފެށިގެން ރޭގަނޑު 9:30އަށެވެ.
ޕާކު ހުޅުވާފައި ބަހައްޓާ ވަގުތަށް ބަދަލުގެނެސްފައިވަނީ ކޯވިޑް19ގެ ޙާލަތާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި ކޯވިޑް19 މާލޭ ސަރަޙައްދުގައި ފެތުރޭތީ ޕާޓީތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. މިއާއެކު ޕާކުތަކުގައި ޕާޓީތައް ބޭއްވުމަށް ބުކިންގ ހައްދާފައިވާ ފަރާތްތަކުގެ ބުކިންގްތައްވެސް ކެންސަލްކޮށް، އެކަން އަންގަމުންދާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ޕާކުތައް ބޭނުންކުރުމުގައި އެޗްޕީއޭގެ ގަވައިދާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ޕާކަށް ވަންނަ މީހުންގެ ހުންބެލުމާ، އަތް ސެނެޓައިޒްކުރުމާ އަތް ދޮވެވޭނެ އިންތިޒާމްވެސް ވަނީ ހަމަައްސާފައެވެ. ޕާކަށް ވަދެވެނީވެސް މާސްކް އަޅައިގެންނެވެ.
ޕާކުތެރޭގައި އުޅޭއިރުވެސް އެއްވެ ނޫޅުމާ ގައިދުރުކަން ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ. ސިޓީ ކައުންސިލުން ވިދާޅުވީ އެއްފަހަރާ ޕާކަށް ވަދެވޭނެ މީހުންގެ އަދަދުވެސް ކަނޑައަޅާފައިވާކަމަށެވެ. މި އަދަދަށް މީހުން ހަމަވުމުން އިތުރު މީހުންނަށް ވަދެވޭނީ އެއްބަޔަކު ނިކުތުމުންކަމަށެވެ.
ކޯވިޑް19ގެ ކޭސްތަކުގެ އަދަދު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. ޚާއްސަކޮށް މާލޭ ސަރަޙައްދުން ފެންނަ ކޭސްތަކުގެ އަދަދު އިތުރުވުމާ ގުޅިގެން، މިހާރުވަނީ ކާފިއު ގަޑިތައްވެސް ކަނޑައަޅާފައެވެ.