ޚަބަރު

ނައިބުރައީސް މާލެ ވަޑައިގަންނަވާ ވަގުތު ގްރީން ޒޯން ބަންދުވާނެ


ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއަށްފަހު، ނައިބުރައީސް އަހުމަދު އަދީބަށް އަމާޒުކޮށް އެފަދަ ހަމަލާތަކެއް ދީފާނެ ކަމުގެ މައުލޫމާތު ލިބެމުންދާތީ، މާދަމާ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާއިރު، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ވިދާޅުވީ، ނައިބުރައީސަށް ހަމަލާތަކެއް ދީފާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، އެހެންކަމުން ސަލާމަތީ ބާރުތަކުން ރިސްކު ނަގަން ބޭނުން ނުވާ ކަމަށެވެ. އެގޮތުން މާދަމާ ރަސްމީ ފާލަން ހިމެނޭ ގްރީން ޒޯން ބަންދު ކުރާނެ ކަމަށް ނަވާޒު ވިދާޅުވިއެވެ."މި ފިޔަވަޅު އެޅުމަށް ނިންމީ ނައިބު ރައީސްގެ ހަށިކޮޅަށް ގެއްލުމެއް ވެދާނެކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކަށް ބުރަވެގެން. ނަމަވެސް އެއްވެސް ފަރާތަކުން ހަމަލާ ދޭން އުޅޭ ވާހަކައެއް ނޫން އަޅުގަނޑު މި ދަންނަވަނީ. މިކަހަލަ މާހައުލެއް އޮތްއިރު އެއީ ވެސް އޮތް ފުރުސަތެއް ކަމަށް ފުލުހުންނަށް ގަބޫލުކުރެވޭތީ، ކުރިއާލައި އެކަންކަމަށް ވިސްނައި، އެކަހަލަ ކަމެއް ވިޔަ ނުދީ ކަންކަން ހައްލު ކުރެވޭނެ މަގެއް އޮތްތޯ ބަލައި، އެގޮތަށް ކަންތައްތައް ކުރުމުގެ ގޮތުން ގްރީން ޒޯން ބަންދުކުރަނީ."ނައިބު ރައީސް އަހުމަދު އަދީބު މިވަގުތު ހުންނެވީ ސިންގަޕޫރުގައެވެ. މާދަމާ މެންދުރުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނެ ކަމަށް މައުލޫމާތުލިބެއެވެ.