ކުޅިވަރު

ކޮޕާ އިޓާލިއާގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ޖާގަހޯދައިފި


ކޮޕާ އިޓާލިއާގެ ކްއާޓަރ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އާއި ސްޕެޒިއާ ބައްދަލުކުރިމެޗް ކާމިޔާބުކޮށް މި މުބާރާތުގެ ސެމީ ފައިނަލުން ނަޕޯލީ ޖާގަހޯދައިފިއެވެ. ނަޕޯލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު 2 ލަނޑުންނެވެ.

ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފަސްވަނަ މިނެޓްގައި ޖަހައިދިނީ ކަލީޑޫ ކޮއުލިބާލީއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 20 ވަނަ މިނެޓްގައި ލޮޒާނޯ ޖަހައިދިން އިރު އޭގެ 10 މިނެޓްފަހުން ނަޕޯލީގެ ތިންވަނަ ލަނޑު ޖަހައިދިނީ މަޓިއޯ ޕޮލިޓާނޯއެވެ. ނަޕޯލީއިން މިމެޗްގައި ޖެހި ފަހު ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހައިދިނީ އެލްޔިފް އެލްމާސްއެވެ. ފުރަތަމަ ހާފްގައި ހަތަރު ލަނޑުގެ ލީޑެއް ލިބުމާއެކު ދެވަނަ ހާފްގައި ނަޕޯލީއިން ކުޅުނީ ވަރަށް ހަމަޖެހިގެންނެވެ. އަދި ސްޕެޒިއާއިން މިހާފަށް ނިކުތީ ފުރަތަމަ ހާފްގައި ހެދުނު ގޯސްތައް ރަގަޅުކޮށްގެންނެވެ. މިގޮތުން ސްޕެޒިއާއިން މިމެޗްގައި ޖެހި ފުރަތަމަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ޖަހައިދިނީ އެމަނުއެލް ގިޔާސީއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ޖަހައިދިނީ ގެނާރޯ އެކަމްޕޯރާއެވެ.

މިކާމިޔާބީއާއެކު ނަޕޯލީ ވަނީ މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ހޯމް އެންޑް އެވޭ އުސޫލަށް ދެމެޗްގެ މައްޗަށް ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގައި ނަޕޯލީ ބައްދަލުކުރާނީ އެޓަލާންޓާއާއެވެ. އަދި ދެވަނަ ސެމީފައިނަލްގައި ބައްދަލުކުރާނީ އިންޓަރ މިލާނާއި ޔުވެންޓާސްއެވެ.