ކުޅިވަރު

21 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގެ ކޮލިފައިންގ ގެ ގުރުލުން ބާއްވައިފި


2023 ވަނަ އަހަރު ޖޯޖިއާ އާއި ރުމޭނިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 އަހަރުން ދަށުގެ ޔޫރޯ މުބާރާތުގެ ކޮލިފައިންގ ގެ ގުރުލުން ރޭ ބާއްވައިފިއެވެ. މި ގުރުނެގުމުގައި 53 ޓީމް ކޮއެފިޝެންޓް ރޭންކިންގ ތަރުތީބުން 6 ޕޮޓަށް ބަހައި ހުރިހާ ޓީމެއް 9 ގްރޫޕަކަށް ވަނީ ބަހާލާފައެވެ.

މިގޮތުން ގްރޫޕް އޭގައި ހިމެނެނީ ކްރޮއޭޝިއާ، އޮސްޓްރިއާ، ނޯޥޭ، ފިންލަންޑް، އަޒަރްބައިޖާން އަދި އެސްޓޯނިއާއެވެ. ގްރޫޕް ބީގައި ހިމެނެނީ ޖަރުމަނުވިލާތް، ޕޯލަންޑް، އިސްރާއީލް، ހަންގޭރީ، ލެޓްވިއާ އަދި ސެން މަރީނޯއެވެ. ގްރޫޕް ސީގައި ސްޕެއިންގެ އިތުރުން ރަޝިޔާ، ސްލޮވާކިއާ، ނޯދަން އައިލަންޑް، ލިތުއޭނިއާ އަދި މޯލްޓާ ހިމެނެއެވެ. ގްރޫޕް ޑީގައި ހިމެނެނީ ޕޯޗުގަލް، ގްރީސް، އައިސްލަންޑް، ބެލަރޫސް، ސައިޕްރަސް އަދި ލީޗެންސްޓައިންއެވެ. ގްރޫޕް އީ ގައި ނެދަލަންޑްސް، ސްވިޓްޒަލަންޑް، ބަލްގޭރިއާ، ވޭލްސް، މޯލްޑޯވާ އަދި ޖިބްރޯލްޓާ ހިމެނޭއިރު ގްރޫޕް އެފްގައި ހިމެނެނީ އިޓަލީވިލާތް، ސްވިޑްން، ރިޕަބްލިކް އޮފް އައިލަންޑް، ބޮސްނިއާ އެންޑް ހަރޒަގޮވީނާ، މޮންޓެނެގްރޯ އަދި ލަގްޒެންބާރގްއެވެ. ގްރޫޕް ޖީ ގައި ހިމެނެނީ އިންގްލަންޑް، ޗެކް ރިޕަބްލިކް، ސްލޮވީނިއާ، އަލްބޭނިއާ، ކޮސޯވޯ އަދި އެންޑޯރާއެވެ. ގްރޫޕް އެޗްގައި ފަރަންސޭސިވިލާތުގެ އިތުރުން ސަރބިއާ، ޔޫކްރެއިން، ނޯތު މެސެޑޯނިއާ، ފެރޯ އައިލަންޑްސް އަދި އަރްމީނިއާ ހިމެނޭއިރު ގްރޫޕް އައިގައި ހިމެނެނީ ޑެންމާކް، ބެލްޖިއަމް، ތުރުކީވިލާތް، ސްކޮޓްލަންޑް އަދި ކަޒަކިސްތާނެވެ.
މު މުބާރާތުގެ ކޮލިފައިންގ ގްރޫޕް މަރުހަލާގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗާއި މިއަންނަ އަހަރުގެ ޖޫން މަހާއި ދެމެދުގައެވެ. މުބާރާތް ބާއްވާ ދެ ޤައުމުގެ ހައިސިއްޔަތުން ޖޯޖިއާ އާއި ރުމޭނިއާ މިހާރުވެސް ވަނީ ކޮލިފައިވެފައެވެ. އަދި ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމް 2023 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިވާއިރު ނުވަ ގްރޫޕަށް ބަލާ އެންމެ ރަގަޅު ރަނައަޕް ޓީމަކަށް ހޮވޭ ޓީމްވެސް ސީދާ މުބާރާތަށް ކޮލިފައިވާނެއެވެ. އަދި ބާކީ އޮތް ހަތަރު ޖާގަ ކަށަވަރުވެގެން ދާނީ ބާކީ ތިބި އަށް ރަނަރއަޕް ޓީމްގެ މެދުގައި ކުޅޭ ޕްލޭ އޮފް މެޗްތަކުންނެވެ. ޕްލޭ އޮފް މިމެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

21 އަހަރުން ދަށުގެ ޔޫރޯ މުބާރާތް މިއަހަރުވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ހަންގޭރީ އާއި ސްލޮވީނިއާގައި މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފާ ވާއިރު މިއީ 16 ޓީމް ވާދަކުރާ ފުރަތަމަ ފަހަރެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލައިގެން ބާއްވާ މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ކުޅޭ ފޯމެޓާއި ތަފާތުކޮށެވެ. މިގޮތުން މި މުބާރާތުގެ ގްރޫޕް ސްޓޭޖް މިއަހަރުގެ މާރޗް މަހުގެ 24 އިން 31 އަށް ކުޅުމަށް ހަމަޖެހިފާ ވާއިރު ނޮކް އައުޓް ބުރު ތަށް ކުޅުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 31 އިން ޖޫން މަހުގެ 6 ވަނަ ދުވަހަށެވެ.