ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން ލޭކަރސް ޖެހިޖެހިގެން ދެވަނަ މެޗުން ބަލިވެއްޖެ


އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް ޕިސްޓަންސް ކާމިޔާބުކޮށްފިއެވެ. މިމެޗް ޕިސްޓަންސް ކާމިޔާބުކުރީ 107 ޕޮއިންޓް 92 ޕޮއިންޓުންނެވެ.

މިއީ ރަށުން ބޭރުގައި މިސީޒަންގައި ލޭކަރސް ޖެހިޖެހިގެން ބަލިިވި ދެވަނަ މެޗެވެ.
ފިލަޑެލްފިއާ ސެވަންޓީ ސިކްސްސަރސް އަތުން ވަރަށް ހަނި ގޮތަކަށް ބަލިވި މެޗާއެކު ލޭކަރސްއިން މިސީޒަންގައި ރަށުން ބޭރުގައި ކުޅެ ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑްވަނީ ނިމުމަކަށް އައިސްފައެވެ. އަދި އީސްޓަން ކޮންފަރެންސްގެ އެންމެ ބަލި އެއްޓީމްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޕިސްޓަންސް އާ ބައްދަލުކުރާ މެޗްގައި އަލުން ރަށުން ބޭރުގައި ބަލިނުވުމުގެ އާ ބުރެއް ފެށިގެންދާނެ ކަމަށް ހީވި ނަމަވެސް އެކަން ލޭކަރސްއަކަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މިމެޗްގައި ޕިސްޓަންސްއަށް އެންމެ ރަގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދާދިން ބްލޭކް ގްރިފިންއެވެ. އަދި ވޭން އެލިންގޓަންވަނީ އެޓީމަށް 20 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ލޭކަރސްއަށް އެންމެ ރަގަޅަށް ކުޅުނީ 22 ޕޮއިންޓް ހޯދާދިން ދެ ކުޅުންތެރިން ކަމަށްވާ ކައިލް ކުޒްމާ އާއި ލެބްރޮން ޖޭމްސްއެވެ.

މި މުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި މައޭމީ ހީޓް ބައްދަލުކުރި މެޗް 109 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްއަށް އެންމެ ރަގަޅަށް ކުޅުނީ 18 ޕޮއިންޓް ހޯދައިދިން ނިކޮލަސް ބަޓުމްއެވެ. އަދި ލޫ ވިލިއަމްސްވަނީ އެޓީމަށް 17 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ހީޓަށް އެންމެ ރަގަޅަށް ކުޅުނީ 19 ޕޮއިންޓް ހޯދައިދީން ޓައިލަރ ހެރޯއެވެ.

މީގެއިތުރުން ހިއުސްޓަން ރޮކެޓްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 104 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ރޮކެޓްސްއެވެ. މިމެޗްގައި ރޮކެޓްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 25 ޕޮއިންޓް ހޯދައިދިން ވިކްޓަރ އޮލަޑީޕޯއެވެ. އަދި ޕޯޓްލަންޑަށް އެންމެ ރަގަޅު ކުޅުމެއް ދައްކައިދިނީ 30 ޕޮއިންޓް ހޯދައިދީ 9 އެސިސްޓް ކުރި ޑޭމިއަން ލިލާޑްއެވެ.