ޚަބަރު

ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގެންފި


ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައަކީ ދިވެހިރާއްޖެއާއި މޮރިޝަސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައަިވާ މައްސަލައެކެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަވާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ޢިޖުރާޢީ ގޮތުން ދިވެހިރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މަޢުޟޫޢީ ގޮތުން ބެލޭނެ މައްސަލައެއްކަން ޓްރައިބިއުނަލްއިން މިއަދު ކަނޑައަޅުއްވާފައިވާކަމަށެވެ.

ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލަ ބަލައިގަތުމާގުޅިގެން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި މޮރިޝަސްގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެންދާނެކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ.

އެގޮތުން ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، އާންމު އުޞޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުޞޫލަކުން ދެ ޤައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުޞޫލު ބޭނުންކޮށްގެންކަން އެޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.