ސިޔާސީ

ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމް.އެމް.ޕީއާރު.ސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިރޭގެ ވަގުތެއް ކަމަށެވެ. ނަމަވެސް ޒިޔަތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބަލަމުންދާ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުންގެ ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޒިޔަތު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ނަމަވެސް ހާޒިރުކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބަލަމުންދާ މައްސަލައެއްގައި މި މަހުގެ ސަތާރަ ވަނަ ދުވަހުގެރޭ ވަނީ ވެލާނާގޭގައި ހުންނަ އެމް.އެމް.ޕީއާރުސީގެ އޮފީސް ބަލާފާސްކޮށްފައެވެ. އަދި އެއަށްފަހު އެމް.އެމް.ޕީ އާރު ސީގެ އޮފީސް ވަނީ ބަންދުކޮށްފައެވެ.