ޚަބަރު

އެމެރިކާއިން ނިއުކުލިޔަރ އެއްބަސްވުމުގައި އަލުން ބައިވެރިވާނީ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރާނަމަ


2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކުން އީރާނާއިއެކު ވެފައިވާ ނިއުކުލިޔަރ އެއްބަސްވުމުގައި އެމެރިކާއިން އަލުން ބައިވެރިވާނީ އީރާނުން އެ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރާނަމަކަމަށް އެމެރިކާއިން ބުނެފިއެވެ.

2015ވަނަ އަހަރުގައި ދުނިޔޭގެ ބާރުތަކާއިއެކު އީރާނުން ވެފައިވާ "ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން"ގެ ދަށުން އީރާނުގެ ނިއުކުލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާ، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް، ވިލާތުގެ އިއްތިޙާދު އަދި ޗައިނާއިންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ވެރިކަމާއި ރައީސް ޑޮނަލްޑް ޓްރަމްޕު ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާއި ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.

އީރާނާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން އެމެރިކާގެ އައު ސެކެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވީ އެމެރިކާގެ އައު ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާ ފަދައިން އެމެރިކާއިން ނިއުކުލިޔަރ އެއްބަސްވުމާއި އަލުން ގުޅޭނީ އީރާނުން އެ އެއްބަސްވުމާއި އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރާނަމަ ކަމަށެވެ. އީރާނުން އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރާނަމަ އީރާނާއިއެކު އޮތް އެހެނިހެން މައްސަލަތައް ޙައްލުކުރުމަށް އެމެރިކާއިން މުއްދަތު އިތުރު، އަދި އިހަށްވުރެ ވަރުގަދަ އެއްބަސްވުމަކާއި ހަމައަށް އައުމަށް މަސައްކަތްކުރާނެކަމަށް ބްލިންކެން ވިދާޅުވިއެވެ. އެއީ ކޮން މައްސަލަތަކެއްކަން ބްލިންކެން ވިދާޅުފައި ނުވިނަމަވެސް މީގެ ކުރިން ރައީސް ބައިޑަންވަނީ އޭގެ ތެރޭގައި އީރާނުން ބެލިސްޓިކް މިސައިލް ތަރައްޤީ ކުރުމާއި އިރާޤާއި ސޫރިޔާއާއި ލުބުނާނާއި ޔަމަނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް އީރާނުން އެއްބާރުލުންދިނުން ހިމެނޭކަމަށް ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ބްލިންކެން ވިދާޅުވީ ނިއުކުލިޔަރ އެއްބަސްވުމުގެ ގިނަ މާއްދާތަކަކާއި އީރާނުން ޚިލާފުވެފައިވާކަމަށެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް އީރާނުން ޢަމަލުކުރުމަށް ނިންމައިފިނަމަ އެކަމަށް ވަގުތު ނަގާނެކަމަށާއި، އަދި އެއްބަސްވުމާއި އެއްގޮތަށް އީރާނުން ޢަމަލުކުރާކަން ޔަޤީންކުރުމަށް އެމެރިކާއަށްވެސް ވަގުތު ބޭނުންވާނެކަމަށެވެ.