ކުޅިވަރު

ސްޕެނިޝް ކޮޕާ ޑެލް ރޭގެ ކްއާޓަރ ފައިނަލަށް ސެވިއްޔާ


ސްޕެނިޝް ކޮޕާ ޑެލް ރޭ ގައި ސެވިއްޔާ އާއި ވެލެންސިއާ ބައްދަލުކުރިމެޗް ސެވިއްޔާ ކާމިޔާބުކޮށްފިއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ 3 ލަނޑު ސުންލަނޑުންނެވެ. މިކާމިޔާބީއާއެކު ސެވިއްޔާ މިހާރު ވަނީ މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖާގަހޯދާފައެވެ.

ސެވިއްޔާގެ ފަރާތުން މޮލު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސެވިއްޔާއެވެ. މިމެޗްގައި ސެވިއްޔާއިން ޖެހި ފުރަތަމަ ލަނޑު މެޗްގެ 20 ވަނަ މިނެޓްގައި ޖަހައިދިނީ ލޫކް ޑި ޖޮންގ އެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހައިދިނީވެސް ޑި ޖޮންގ އެވެ. މިމެޗުގައި ސެވިއްޔާގެ ތިންވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ އިވާން ރަކިޓިޗްއެވެ. މިމެޗްގެ ދެވަނަ ހާފްގައި ވެލެންސިއާއިން އެޓީމްގެ ކުޅުން ރަގަޅުކޮށްފައެވެ. މިގޮތުން ބައިކޮޅަށް އިތުރު ލަނޑެއް ވަނަނުދީ ހިފަހައްޓާ ލެވުނު ނަމަވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވޭގޮތެއް ނުވިއެވެ.

މިމުބާރާތުގައި އަލްމޭރިއާ އާއި އޮސަސޫނާ ބައްދަލުކުރިމެޗް ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެހާފްގައިވެސް ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 5 ލަނޑު 4 ލަނޑުން ކާމިޔާބުކުރީ އަލްމޭރިއާއެވެ.