ކުޅިވަރު

ޕްރިލިމިނަރީ ބުރުގައި އީގްލަސް އާއި ތިމްޕޫ ސިޓީ ވާދަކުރަން ޖެހިއްޖެ


އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ކުލަބް އީގްލަސް އާއި ބޫޓާންގެ ޗެންޕިއަން ތިމްޕޫ ސިޓީ ވާދަކުރަންޖެހިއްޖެއެވެ.

މިއަހަރު އޭއެފްސީއިން ނިންމާފައިވަނީ ކޮލިފައިންގެ މެޗްތައް އެއް ލެގަކަށް ކުރިއަށްދާ ގޮތަށެވެ. ކުލަބް އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ވާދަކުއިރު، އޭއެފްސީއިން އެއް ލެގް ކުޅޭގޮތަށް ހަމަޖައްސާފައިވަނީ ކޮވިޑް19ގެ ސަބަބުން ގައުމްތަކަށް ދަތުރުކުރުމަކީ ރާއްކާތެރިކަމަކަށް ނުވާތީއެވެ. ކުލަބް އީގަލްސް އާއި ތިންބޫ ސިޓީ ވާދަކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ.

އެއް ލެގް ކުޅޭ މިމެޗުން ކުލަބް އީގަލްސް މޮޅުވެއްޖެނަމަ، އެޓީމް ޕްރިލިމިނަރީ ދެވަނަ ބުރުގައި ދެން ވާދަކުރާނީ ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށެވެ. އަދި މިމެޗުން ކުލަބް އީގަލްސް ކުރި ހޯދައިފިނަމަ، ޕްލޭއޯފް ބުރުގައި އީގަލްސް ވާދަކުރާނެކަމަށް އެންމެ ބޮޑަށް ލާފާކުރެވެނީ އިންޑިޔާގެ ބެންގަލޫރު އެފްސީއާއިއެވެ.
އޭއެފްސީކަޕްގެ ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 14ވަނަ ދުވަހު އަދި ޕްލޭއޮފް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 21ވަނަ ދުވަހުއެވެ. ރާއްޖޭގެ އެންމެ ފަހުގެ ލީގް ޗެންޕިއަނުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންވަނީ ގުރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރުކޮށްފައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އިންޑިޔާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސްއެވެ. ގުރޫޕް ސްޓޭޖުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 14 އިން 20 އަށެވެ.