ޚަބަރު

ޓީސީގެ ކޯޗްކަމުން ޝާޒްލީ އިސްތިއުފާދީފި


ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗްކަމުގެ މަޤާމުން މުޙަންމަދު ޝާޒްލީ އިސްތިއުފާ ދީފިއެވެ.

މިއީ މިފަހުން ޓީމްތަކުން އިސްތިޢުފާ ދިން 5ވަނަ ކޯޗްއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗް މުޙަންމަދު ޝާޒްލީ ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗްކަމުން އިސްތިއުފާ ދީފައިވާއިރު، ސާޒްލީއާއެކު ޓީސީ އައީ ރަގަނޅު ކުޅުމެއް ދައްކަމުންނެވެ.

މިފަހުން ޓީމްތަކާ ވަކިވި އިތުރު ކޯޗުންނަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ)އާއި ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އާއި ސުޕަ ޔުނައިޓަޑް ސްޕޯޓްސް ކުލަބް (ސަސް)ގެ ކޯޗް އަހުމަދު ނާޝިދާއި ޔުނައިޓަޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗް މުހައްމަދު އާދަމެވެ.

ކުލަބް އީގަލްސްގެ ކޯޗްކަމުން ވަކިވި މުހައްމަދު ޝިޔާޒްވަނީ އީގަލްސް ދޫކޮށްލިތާ 24 ގަނޑިއިރުވެސް ހަމަނުވަނީސް ސަސްގެ ކޯޗްކަމާ ހަވާލުވެފައެވެ. ޓީސީއަށް ރަގަނޅު ކާމިޔާބީތަކެއް ހޯދައިދެމުން އައިސްފައިވާ ކޯޗް މުހައްމަދު ޝާޒްލީއާއެކު ލީގްގެ ފުރަތަމަ ބުރު ޓީސީއިން ނިންމާލާފައިވަނީ ތާވަލްގެ 4ވަނާގައި އޮވެގެންނެވެ. ލީގްގެ ފުރަތަމަ ބުރުގައި އެޓީމް 7 މެޗް ކުޅެފައިވާއިރު، 2 މެޗުން މޮޅުވެ، 3 މެޗުން އެއްވަރުވެ އަދި 2 މެޗުންވަނީ ބަލިވެފައެވެ.

މިއަހަރުގެ ސީޒަނަށް ޓީސީ ނުކުތީ ގިނަ ޒުވާން ކުޅުންތެރިންނާއެކުއެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްއަށާއި ބީޖީ ސްޕޯޓްސް ކުލަބްއަށްވެސް ކޯޗްކަން ކޮށްދީފައެވެ.