ޚަބަރު

ތިން ރަށެއްގައި ނުނިންމާހުރި 260 ހައުސިންގ ޔުނިޓްގެ މަސައްކަތް އަލުން ފަށަނީ


ތިން ރަށެއްގައި ހަދަން ފަށާ ނުނިންމާހުރި 260 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް، ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށަން ނިންމައިފިއެވެ. މިކަމުގެ ޢަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ ހދ.ކުޅުދުއްފުށީގައި ނުނިންމާހުރި 105 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތާ، ހދ.ހަނިމާދޫގައި އިމާރާތްކުރަން ފަށާ ނުނިމިހުރި 100 ހައުސިންގ ޔުނިޓްގެ މަސައްކަތާއި، ތ.ވިލުފުށީގައި އިމާރާތްކުރަން ފަށާ ނުނިމިހުރި 64 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތެވެ. އަދި ވިލުފުށީގައި އަލަށް އިމާރާތްކުރަން ނިންމާފައިވާނީ 36ހައުސިން ޔުނިޓްގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް ފިނޭންސް މިނިސްޓްރީންވަނީ އިއުލާންކޮށްފައެވެ.

ވިލުފުށީ 64ހައުސިންގ ޔުނިޓްގެ މަސައްކަތަކީ ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސަސްއާ ހަވާލުކޮށްގެން އެރަށުގައި ކުރިއަށްގެންދިޔަ މަސައްކަތެކެވެ. ނަމަވެސް ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން 2015ވަނަ އަހަރު މި މަސައްކަތްވަނީ މުޅިން ހުއްޓިފައެވެ. މިގެތަކުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައިވާ މިންވަރަށް ބަލާއިރު، ގެތައް ރޭނުމުގެ މަސައްކަތްވަނީ މުޅިން ނިމިފައެވެ. ނަމަވެސް ފުރާޅާ، އިންޓީރިއާގެ އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސްފައެއް ނުވެއެވެ.

ހދ.ހަނިމާދުއާ ކުޅުދުއްފުށީގައިވެސް އިމާރަތްކުރަން ފަށާފައިވާ ހައުސިންގ ޔުނިޓްތަކަކީ ދިގު މުއްދަތެއް ކުރިން މަސައްކަތްފެށި ޔުނިޓުތަކެކެވެ. ނަމަވެސް މިހާތަނަށްވެސް އެ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނުނިމޭތީ، ރައްޔިތުންނަށް ގެތަކަށް ވަދެވޭވަރު ވެފައި ނުވެއެވެ. މަސައްކަތް އަލުން ފަށާއިރު ހދ.ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ 105 ހައުސިންގ ޔުނިޓާ، ހދ.ހަނިމާދޫގައި ހަދަން ފަށާފައިވާ 100ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް ބީލަމަށް ހުޅުވާލުން އޮންނާނީ ފެބްރުއަރީ 15ވަނަ ދުވަހުގެ 11:00ގައެވެ.