ޚަބަރު

ރިނބުދޫގެ ތިލޭރުކަމާއި ތުޅާދޫގެ ލިޔެލާޖެހުން އެކުވެރި ޢަރަބި އިމާރާތަށް


ދ. ރިނބުދޫގެ ތިލޭރުކަމާއި ބ. ތުޅާދޫގެ ލިޔެލާޖެހުމުގެ މަސައްކަތް އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގައި ދައްކާލައިފިއެވެ.

ދިވެހި ސަޤާފީ މަސައްކަތްތައް ދައްކާލާފައިމިވަނީ ޔުއޭއީގެ ޝާރުޖާގައި ކުރިޔަށްދާ "ވޯލްޑް ކަލްޗަރަލް ހެރިޓޭޖް ވީކް"ގައެވެ.

ޔޫއޭއީގެ ޝާރުޖާ ޔުނިވަރސިޓީން ކުރިޔަށްގެންދާ "ވޯލްޑް ކަލްޗަރަލް ހެރިޓޭޖް ވީކް"އަކީ ދުނިޔޭގެ ގިނަ ޤައުމުތައް ބައިވެރިވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ކޮންމެ ހަފްތާއެއްވެސް ވަކި ޤައުމަކަށް ޚާއްސަކޮށްފައިވާއިރު މިމަހުގެ 24 އިން ފެށިގެން މިއަދުގެ ނިޔަލަށް ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ތާރީޚާއި ސަޤާފަތް ދައްކާލުމަށެވެ.

ހެރިޓޭޖް މިނިސްޓްރީއިން މަޢުލޫމާތު ދެއްވާ ގޮތުގައި ވޯލްޑް ކަލްޗަރަލް ހެރިޓޭޖް ވީކްގައި ތިލޭރުކަމަށް މަޝްހޫރު ރިނބުދޫގެ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައްޓަރުބައިތަކާއި ގަހަނާތައް ވަނީ ދައްކާލާފައެވެ. އަދި އިހުގައި ތިލޭރުކަން ކުރި ގޮތާއި ޒަމާނުގެ ކުރިއެރުންތަކާއެކު އެ މަސައްކަތް ކުރަމުންދާ ގޮތް ވެސް ދައްކާލަމުންދާކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދެއްވައެވެ. މީގެއިތުރުން ލިޔެލާ ޖަހާފައިވާ ތަކެތި ދައްކާލުމާއެކު ތާރީޚީ މިމަސައްކަތް ކުރަމުންދާ ގޮތްވެސް މި ހަރަކާތައް ޒިޔާރަތްކުރާ މީހުންނަށް އަންނަނީ ދައްކާލަމުންނެވެ.

ހަމައެއާއެކު ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައްވެސް ވޯލްޑް ކަލްޗަރަލް ހެރިޓޭޖް ވީކްގައި އަންނަނީ ދައްކާލަމުންނެވެ. އެގޮތުން މޯލްޑިވިއަން އަރޓިސްޓްސް ކޮމިއުނިޓީގެ ކުރެހުންތައްވެސް މި ހަރަކާތުގައި ވަނީ އެގްޒިބިޓްކޮށްފައެވެ. މި ކުރެހުންތަކަކީވެސް ދިވެހިންގެ ތާރީޚާއި ސަޤާފަތާ ބެހޭ މަޢުލޫމާތުތައް ދައްކުވައިދޭ ކުރެހުންތަކެއްކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އަދި މި ހަރަކާތުގައި ރާއްޖޭގެ ތާރީޚާއި ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ތާރީޚީ ބޭފުޅެއްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ދިވެހި ސަޤާފަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބައި ކަމަށްވާ ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމުގެ ފުރުޞަތުވެސް ވޯލްޑް ކަލްޗަރަލް ހެރިޓޭޖް ވީކްގެ ތެރެއިން ލިބެއެވެ. އަދި ބޮޑުބެރާއި މިއުޒިކްޝޯތައްވެސް މި ހަރަކާތުގެ ތެރެއިން އަންނަނީ ހުށަހަޅައި ދެމުންނެވެ.

މިނިސްޓްރީން މައުލޫމާތުދެއްވާ މި ފުރުޞަތު ދިވެހިރާއްޖެއަށް ހޯދައިދީފައިވަނީ މޯލްޑިވްސް އަރޓިސްޓްސް ކޮމިއުނިޓީ އާއި ޔޫއޭއީގެ ޝާރުޖާ ޔުނިވަރސިޓީ ގުޅިގެންނެވެ. މި ޙަރަކާތްތަކަށްފަހު ފަންނާނުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

ސަޅި

ސާބަސް ރިނބުދޫގެ ހުނަރުވެރިންނަށް