ޚަބަރު

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިންމާލައިފި


ރ. ދުވާފަރުގައި ކުރިއަށްދާ މަގުހެދުމުގެ މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫޢަކީ ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ބުނީ ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ މަގުމަތީގެ ނިޝާންތައް ހަރުކުރުމާއި ކަފިހި ހުރަސްތައް ކުރެހުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެއެވެ. މީގެއިތުރުން މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތާއި ސާފުކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

އެމްޓީސީސީން ކުރިޔަށްގެންދާ މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭގޮތަށް 6،813.08 އަކަ މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުގައި ދުއްވުމަށް 25513 އަކަ މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ދުވާފަރު މަގުތައް ހެދުމުގައި ބޭނުންކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓަރ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަށް ޖަމާވާ ފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަށުގެ މީރުފެން ފަށަލައަށް ފިލްޓަރވެގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ދައުލަތުގެ ބަޖެޓުން 47 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.