ޚަބަރު

މިިދިޔަ އަހަރު އައްޔަންކުރި އަންހެން ފަނޑިޔާރުންގެ އަދަދު މަތި


ކޯޓްތަކަށް އައްޔަންކުރި އަންހެން ފަނޑިޔާރުންގެ ނިސްބަތް މިދިޔަ އަހަރު ތިނެއް އިންސައްތަ މައްޗަށް ޖެހިފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެ ކޮމިޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެކި ކޯޓްތަކަށް ޖުމްލަ 22 ފަނޑިޔާރަކު ވަނީ އައްޔަންކޮށްފައެވެ.

ޖޭއެސްސީގެ ހިސާބުތައް ދައްކާގޮތުން މިދިިޔަ އަހަރު އެންމެ ގިނަ ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ސުޕީރިއަރ ކޯޓްތަކާއި މެޖިސްޓްރޭޓް ކޯޓްތަކަށެވެ. މި ގޮތުން ގްރޭޓަރ މާލޭ ސަރަހައްދުގައި ހުންނަ ސުޕީރިއަރ ކޯޓްތަކަށް 9 ފަނޑިޔާރުން އައްޔަންކުރި އިރު މެޖިސްޓްރޭޓް ކޯޓްތަކަށްވެސް އައްޔަންކޮށްފައިވަނީ 9 ފަނޑިޔާރުންނެވެ. ދެން މިދިޔަ އަހަރު ފަނޑިޔާރުން އައްޔަންކޮށްފައިވަނީ ސުޕްރީމް ކޯޓާއި ހައިކޯޓަށެވެ. މީގެއިން ކޮންމެ ކޯޓަކަށްވެސް 2 ފަނޑިޔާރުން ވަނީ އައްޔަންކޮށްފައިއެވެ.

މިިދިޔަ އަހަރު ކޯޓްތަކަށް އައްޔަންކުރި 22 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންނަކީ އަންހެން ބޭފުޅުންނެވެ. އަދި މީ އޭގެކުރީ އަހަރާއި އަޅާބާއިރު ތިނެއް އިންސައްތަ އިތުރު އަދަދެއްކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. މިދިޔަ އަހަރު އައްޔަންކުރި ފަނޑިޔާރުންގެ ޖުމްލަ އަދަދު 2019 ވަނަ އަހަރާއި އަޅާބަލާއިރު 2 އިންސައްތަ އިތުރުކަމަށްވެސް ޖޭއެސްސީން ވދާޅުވެއެވެ.

މިިދިޔަ އަހަރު 4 ފަނޑިޔާރަކު ރިޓަޔަރ ކުރެއްވިިއިރު 9 ފަނޑިޔާރަކުވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. އަދި 4 ފަނޑިޔާރަކުވަނީ މަޤާމުން ވަކިކޮށްފައެވެ.

ޖޭއެސްސީން ވިދާޅުވީ ފަނޑިޔާރުންނާއި ގުޅޭ 288 ޝަކުވާއެއް އެ ކޮމިޝަނަށް ހުށައަޅާފައިވާކަމަށެވެ. އޭގެތެރެއިން ތަހުޤީގުކުރަން ނިންމީ 12 އިންސައްތަ މައްސަލަކަމަށްވެސް ޖޭއެސްސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ކޮމިޝަނުން ތަހުޤީގުކުރި މައްސަލަތަކުގެ ތެރެއިން 74 އިންސައްތަ މައްސަލަ އެ ޝަކުވާއެއް ހުށައެޅުނު ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު އެކި ޝަކުވާތަކާއި ގުޅިގެން 9 ފަނޑިޔާރެއް މަޤާމުން ވަކިކުރަން ނިންމާ 2 ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި 4 ފަނޑިޔާރަކަށް ނަސޭހަތްދީ ކަނޑައެޅިފައިވާ ތަމްރީނުތައް ފުރިހަމަކުރުމަށް އަންގާފައިވާކަމަށްވެސް ޖުޑީޝަލް ސާރްވިސް ކޮމިޝަނުން ވިދާޅުވެއެވެ.