ވިޔަފާރި

އަމާޒަކީ މިއަހަރު ޔޮޓް މެރީނާއާއި ކްރޫޒް ޓަރމިނަލްގެ މަސައްކަތް ފެށުން: އެޗްޑީސީ


ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކުރާ ޔޮޓް މެރީނާ އާއި ކްރޫޒް ޓަރމިނަލްއަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ޔޮޓް މެރީނާއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ހެދުމަށް ބޭނުންވާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަނުން ވަނީ ނިންމާލާފައެވެ. އެގޮތުން ޔޮޓްމެރީނާ އަދި ކްރޫޒް ޓަރމިނަލް ހެދުމަށް ބޭނުންވާ ބިން ހިއްކައި، އެތަނުގެ ޝޯރ ޕްރޮޓެކްޝަންގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ހެދުމަށް ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިން ތަރައްޤީކުރެވިގެންދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ 2021 ވަނަ އަހަރާ އެ ކޯޕަރޭޝަނުން ކުރިމަތިލީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ މަސައްކަތްތަކެއް ފެށުމުގެ އަމާޒުގައިކަމަށެވެ. މިގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހަދާ ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލްގެ މަސައްކަތްތަކާއި ޓުއަރިޒމް އައިލެންޑް، ފަރުކޮޅުފުށީގެ އިންވެސްޓްމަންޓްތައްވެސް މިއަހަރުގެ ތެރޭ ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ތަންތަން ތަރައްޤީކުރާނެ މީހުން ހޯދާ މަސައްކަތްތައް ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސުހައިލް ވިދާޅުވިއެވެ.

ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އެޗްޑީސީން ވަނީ މިދިޔަ ޑިސެމްބަރުމަހު ހުޅުވާލާފައެވެ. ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް އިން 300 ސުޕަރ ޔޮޓަށާއި، އަދި 6000 އާއި 7000އާ ދެމެދުގެ ޕަސެންޖަރުން އުފުލާ ބޮޑެތި ޕަސެންޖަރލައިންތަކަށް ޚިދުމަތް ދެވިގެންދާނެކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ޔޮޓް މެރީނާ އަދި ކްރޫޒް ޓަރމިނަލް ތަރައްޤީކުރަނީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް މިފަދަ ޚިދުމަތްތައް ދޭ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށެވެ. އަދި ޖިއޮގްރަފީގެ ގޮތުން ބަލާނަމަވެސް، ޔޮޓް މެރީނާ ތަރައްޤީކުރެވިގެންދާ ސަރަޙައްދަކީ އެކަމަށް އެންމެ އެކަށީގެންވާ ސަރަޙައްދުކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ސަރަޙައްދަކީ ދުނިޔޭގެ ނިސްބަތުންވެސް ގިނަ އަދަދެއްގެ ސުޕަރ ޔޮޓްތަކާއި، ބޮޑެތި ޕަސެންޖަރ ލައިންތައް މިހާރުވެސް ދަތުރުކުރާ ސަރަޙައްދެކެވެ.