ޚަބަރު

އެއްވެސް މެޗެއް ފަސޭހަކޮށްލެވޭކަށް ނެތް - ވިޑަކޮވިޗް


މިލީގްގައި ވާދަކުރާ އެއްވެސް ޓީމަކީ ބަލި ޓީމެއް ނޫންކަމަށާއި އެއްވެސް މެޗުއް ފަސޭހަކޮށް ނުލެވޭނެކަމަށް މާޒިޔާގެ ކޯޗް ސާބިޔާގެ ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. ލީގްގެ ދަވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް ވެލެންސިޔާއެވެ.
މިމެޗަށް މާޒިޔާ ނިކުންނައިރު އެޓީމް މިވަގުތު އޮތީ ލީގް ތާވަލްގެ އެއްވަނައިގައެވެ. އެއީ ކުޅުނު 7 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. ލީގްގެ ފުރަތަމަ ބުރުގައި މާޒިޔާ ވަނީ 4 މެޗް ކާމިޔާބުކޮށް 3 މެޗުން އެއްވަރުވެފައެވެ.
ކުލަބް ވެލެންސިޔާއާ ދެކޮޅަށް ނިކުންނަ މެޗް ވަރަށް ވާދަވެރިވެރިވާނެކަމަށާއި މިލީގްގައި ކޮންމެ ޓީމެއްވެސް ކޮންމެ ޓީމެއް ބަލިކުރެވޭ ފެންވަރު އެބަހުރިކަމަށް ވިޑަކޮވިޗް ބުންޏެވެ. އަދި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށްވެސް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.

ކޮންމެ ޓީމެއްވެސް މާޒިޔާއާއި އެއްކޮށް ކުޅެނީ ވަރަށް އެއްގޮތަކަށްކަމަށާއި މާޒިޔާއާ ދެކޮޅަށް ނިކުންނައިރު ކޮންމެ ޓީމެއްވެސް ވަރަށް ބޮޑަށް ޑިފެންސަށް ވިސްނާކަމަށްވެސް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.

"ކޮންމެ ޓީމެއްވެސް މާޒިޔާއާއި ދެކޮޅަށް ނިކުންނަނީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން. އަދި ދަނޑުގެ ވިނަ ގަނޑުގެ ސަބަބުން ކުޅުންތެރިންގެ ބޯޅަ ޕާސްކުރުމުގައިވެސް ވަރަށް ގިނަ އުދަގޫތަކެއް އެބަހުރި. މިދަނޑުގައި ކުރިއަށް ކުޅުމަށްވުރެއް ޑިފެންސް ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދޭ. ދަނޑުގެ ހާލަތު ރަގަނޅުކޮށް ކުރިއަށް އޮތް ތަނުގައި ރަގަނޅު ފުޓްބޯޅައެއް ކުޅެވޭނެކަމަށް އުއްމީދު ކުރަން. މިލީގްގައި އަދި މިހާތަނަށް މިކެޅެވުނީ އެންމެ 7 މެޗް. މިލީގްގައި 21 މެޗް ކުޅެންޖެހޭއިރު، ކޮންމެ ފަދަ ކަމެއްވެސް ވެދާނެ. ކޮންމެ މެޗެއްވެސް އެއީ މުހިންމު މެޗެއް. ވެލެންސިޔާ މެޗަށްވެސް މާޒިޔާއިން ނިކުންނާނީ ސީދާ 3 ޕޮއިންޓަށް. އަދި މެޗުން ބަލިވެދާނެތީ ނުވަތަ މެޗުން އެއްވަރު ވެދާނެތީ ވާނެގޮތާއި މެދު ވިސްނުމުގެ އެއްވެސް ބޭނުނެއް ނެތް." މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.

ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް (އާތީ)ބުނީ ލީގް ފުރަތަމަ ބުރުގެ 7 މެޗް ކުޅެނިމުނުއިރުގައި ވެލެންސިޔާގެ ބަލިފައިތަކާއި ވެލެންސިޔާގެ ވަރުގަދަ ދިމާތައް އެނގިފައިވާކަމަށެވެ. މާޒިޔާގެ 7 މެޗުންވެސް އެޓީމްގެ ވަރަށް ގިނަ ކަންތައްތަކެއް އެނގިގެންގޮސްފައިވާކަމަށާއި މާޒިޔާގެ އާކޯޗާއެކު ބައެއްކަހަލަ ބަދަލްތަކެއް އެޓީމަށްވެސް އައިސްފައިވާކަމަށް ކޯޗް އާތިފް ބުންޏެވެ. މާޒިޔާއިން މިހާތަނަށް ލިގްގައި ކުޅެފައިވާ މެޗްތަކަށް ބެލުމަށްފަހު، ވެލެންސިޔާއިން ނިކުންނާނީ ލީގްގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމާދެކޮޅަށް ވަރަށް ރަގަނޅަށް ތައްޔާރުވެގެންކަމަށާއި ތާވަލްގެ އެއްވަނަ އަދި ދެވަނައިގައި އޮތުމަށް މިއީ ވެލެންސިޔާއަށް ވަރަށް މުހިންމު މެޗެއްކަމަށްވެސް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ.

މާޒިޔާއާދެކޮޅަށް ކުލަބް ވެލެންސިޔާ ނިކުންނައިރު، ކުލަބް ވެލެންސިޔާ އޮތީ ލީގްގެ ފުރަތަމަ ބުރު ނިންމާލިއިރު، ލީގް ތާވަލްގެ ދެވަނައިގައި މާޒިޔާއަށްވުރެއް 3 ޕޮއިންޓް މަދުން ލިބިގެން 12 ޕޮއިންޓާއެކުގައެވެ. ލީގް ފުރަތަމަ ބުރުގައި 7 މެޗް ކުޅެފައިވާއިރު ވެލެންސިޔާ ވަނީ 3 މެޗުން މޮޅެވެ، 3 މެޗުން އެއްވަރުވެ، 1 މެޗުން ބަލިވެފައެވެ.

"ލީގްގެ ދެވަނަ ބުރުގައި މިވާދަކުރަނީ މިލީގްގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމް މާޒިޔާ އާއި މީހުން ގަބޫލްކުރާ ގޮތުގައި ދެން އެންމެ ވަރުގަދަ ޓީމް ކުލަބް ވެލެންސިޔާ. މިމެޗް ދެ ޓީމަށްވެސް ވަރަށް މުހިންމު. މެޗުން ބަލިވާ ޓީމަކަށް ވަރަށް ބޮޑު އަސަރެއް ކުރާނެ. މިހާރު ޕޮއިންޓް ޓޭބަލަށް ބަލާއިރު ބައެއް ކަންތައްތައް ނޭގިދާނެ. ސްޕޯޓަރުންނާއި ޓީމްގެ މެނޭޖްމަންޓުން ކެތްތެރިކަމާއެކު ތިބެން އެބަޖެހޭ. އަސްލު ޓޭބަލް އެނގޭނީ ލީގްގެ ދެވަނަ ބުރު ނިމޭ ހިސާބުން. މިބުރުގައި ހުރިހާ ޓީމެއްވެސް ނިކުންނާނީ ޑިފެންސް ރަގަނޅަށް ކޮށްފަ ގޯލް ޖެހުމަށް. އެއްވެސް ޓީމަކުން މާ އޯޕަން ގޭމެއް ކުޅޭނެ ހެނެއް ހީއެއް ނުވޭ މިބުރުގައި. މިހާރު ލީގްގައި ޕޮއިންޓް ތާވަލްގައި ޓީމުތައް ހުރި ގޮތުން ހީއެއްނުވޭ އެއްވެސް ޓީމެއް މާ އޯޕަންކޮށް ކުޅޭނެ ހެއްނެއް. އަދި ހީއެއް ނުވޭ މާޒިޔާއިންވެސް ވެލެންސިޔާއާއި ދެކޮޅަށް އެގޮތަށް ނިކުމެފާނެހެނެއް." ވެލެންސިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.