ދުނިޔެ

ކޯވިޑް ޖެހުނު މީހުންގެ ޢަދަދު 100 މިލިއަނުން މައްޗަށް


ދުނިޔޭގައި ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 100 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ. ބަލި ޖެހުނު މީހުންގެ ޢަދަދު 100 މިލިއަން ހުރަސްކޮށްފައި މިވަނީ ޗައިނާގެ ވުހާން ސިޓީއިން ކޯވިޑް ޖެހިފައިވާ މީހަކު ފުރަތަމަ ފެނުނުތާ އަހަރެއްވެ ދުވަސްކޮޅެއް ވެފައި ވަނިކޮށެވެ.

ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކުގެ ސަރުކާރުތަކަށްވަނީ މުޅި ޤައުމު ފުރަބަންދުކޮށް ކާފިއުތައް އިޢުލާނުކޮށް، ދަތުރުފަތުރުކުރުން މަނާކުރުމުގެ އިތުރުން ރައްކާތެރިކަމުގެ ހަރުކަށި އެތައް ފިޔަވަޅެއް އެޅުމަށް މަޖުބޫރުވެފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށްވަނީ ނޭދެވޭ ބޮޑެތި އަސަރުކޮށްފައެވެ. އަދި ޤައުމުތަކުގެ އެކި ފަންތީގެ މީހުންގެ މެދުގައި އޮތް ތަފާތު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މިހާތަނަށް ބަލި ޖެހުނު 100 މިލިއަން މީހުންގެ ތެރެއިން ބަލިން ފަސޭހަވެފައިވަނީ 55 މިލިއަން މީހުންނެވެ. މި ބަލީގައި މިހާތަނަށް 2.1 މިލިއަން މީހުންވަނީ މަރުވެފައެވެ.

ބައްޔާއި ދެކޮޅަށް ވެކްސިންތައް ތައްޔާރުކޮށް ގިނަ ޤައުމުތަކެއްގައި އެ ވެކްސިން ދެމުން އައިނަމަވެސް ބަލީގެ ވައިރަހުގެ އައި ވައްތަރެއް ފެނި މިވަނީ ފެތުރެން ފަށާފައެވެ. އަދި ކުރީގެ ވައިރަހަށްވުރެ އެތައް ގުނައެއް ހަލުވިކޮށް ކޮށް ފެތުރޭ މި ވަރަހުގެ ސަބަބުން ކޯވިޑް ބަލިމަޑުކަމަށް ނިމުމެއް އަންނާނެ ދުވަހަކާއި މެދު އަނެއްކާވެސް މިވަނީ ސުވާލު އުފެދިފައެވެ.

ކޯވިޑްގެ ސަބަބުން މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި، އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 25.3 މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މުޅި ދުނިޔެއިން ބަލިޖެހިފައިވާ މީހުންގެ ހަތަރު ބައި ކުޅަ އެއްބައެވެ. އެ ޤައުމުގައި މި ބަލީގައި މިހާތަނަށް 424،000 މީހުންވަނީ މަރުވެފައެވެ.

މިދިޔަ ހަފުތާގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި އެ ޤައުމުގެ އައު ރައީސް، ޖޯ ބައިޑަންވަނީ އެމެރިކާގައި ބަލި ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ. އެމަނިކުފާނުގެ ސަރުކާރުން ކޯވިޑް ވެކްސިންގެ އިތުރު 200 މިލިއަން ޑޯޒް ގަތުމަށް ނިންމާފައިވާކަމަށް އިޢުލާނުކުރެއްވީ ޖަނަވަރީ މަހުގެ 26ވަނަ ދުވަހުގައެވެ. ބަލިމަޑުކަމުގެ މި ޙާލަތުން އަރައިގަނެވޭނީ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީގެންކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ.

ބަލީގެ ސަބަބުން ދެވަނައަށް އެންމެ ޙާލަތު ގޯސްވެފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 10.6 މިލިއަން މީހުންނަށް ބަލިޖެހި 153،000 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ތިންވަނައަށް އެންމެ ޙާލަތު ގޯހީ ބުރެޒިލުގައެވެ. އެ ޤައުމުގައި 8.8 މިލިއަން މީހުންނަށް ބަލިޖެހި 217،000 މީހުންވަނީ މަރުވެފައެވެ. އެޤައުމު އޮތީ ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައެވެ.