ކުޅިވަރު

އޮލިމްޕިކްސް ކުޅިވަރު މުބާރާތް މިއަހަރުވެސް ބޭއްވިދާނެ ކަމާމެދު ސުވާލު އުފެދެން ފަށައިފި


ކޮރޯނާ ވައިރަހާހެދި މިއަހަރަށް ފަސްކުރި ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް މިއަހަރުވެސް ބޭއްވި ދާނެކަމާމެދު ސުވާލު އުފެދެން ފަށައިފިއެވެ. ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން މިރޭ ބާއްވާ އަހަރުގެ ފުރަތަމަ ވީޑިއޯ ކޮންފަރެންސްގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވޭނީ އޮލިމްޕިކްސް ކުޅިވަރު މުބާރާތާއި ގުޅޭގޮތުން ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ޓޯކިއޯގައި ބޭއްވުމަށް ހަމަޖެހިފައިވި މި މުބާރާތް މިއަހަރަށް ފަސް ކުރުން ވެގެން ގޮސްފައިވަނީ ކުޅިވަރުގެ ތާރީހްގައި ނިންމި ވަރަށް ބޮޑު ނިންމުމަކަށެވެ. އަދި މިމުބާރާތް އެއްވެސް ގޮތަކަށް މިފަހަރު ނުބާއްވަން ނިންމައިފިނަމަ އެވެގެންދާނީ މި މުބާރާތަށް ލިބިގެންދާ ވަރަށް ބޮޑު ގެއްލުމަކަށް ކަމުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އަދި މި މުބާރާތަށް ތައްޔާރުވަމުންދާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެތުލީޓުންނަށް ވަރަށް ބޮޑު މާޔޫސްކަމެއް ލިބިގެންދާނެ ކަމަކަށެވެ.

ޖަޕާންގައި ކޮރޯނާ ވައިރަސް ފެތުރުން އިތުރުވެ މީގެ ދެހަފްތާ ކުރިން ކުއްލި ހާލަތް އިއުލާން ކުރުމާއެކު އެޤައުމުގެ ރައްޔިތުން އޮލިމްޕިކް ކުޅިވަރު މުބާރާތާމެދު ދެކޭ ގޮތާމެދު ވަނީ ހިޔާލު ތަފާތުވާން ފަށާފައެވެ. މިގޮތުން އެޤައުމުގެ ރައްޔިތުން މިހާރު މި މުބާރާތް އެޤައުމުގައި ބާއްވާކަން މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. އަދި މި މުބާރާތް ބާއްވައިފި ނަމަ ކޮންމެ ގޮތެއްވެސް ވެދާނެ ކަމަށް ޖަޕާންގެ ކެބިނެޓް މިނިސްޓަރ ޓާރޯ ކޯނޯވެސްވަނީ ވަރަށް ފަހުން ވިދާޅުވެފައެވެ. އަދި މިއަހަރު ބާއްވާ ފުރަތަމަ ބޮޑު ކުޅިވަރު އިވެންޓްގެ ގޮތުގައި ބެލޭ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކަރަންޓީންގެ ކަންތައްތައް ކުރިއަށްދާ ގޮތުން ނާއި ދިމާވެފައިވާ ގިނަ ގުނަ ދަތިތަކާހެދި މިފަހަރުގެ އޮލިމްޕިކްސް މުބާރާތް ބޭއްވުމުގެ ފުރުސަތު ވަރަށް ކުޑަކަމުގައި 2012 ވަނަ އަހަރު ލަންޑަންގައި ބޭއްވި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުއްވި ސަރ ކީތު މިލްސް ވިދާޅުވެއެވެ. އަދި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ އެތުލީޓުންގެ އަދަދު މާބޮޑަށްވެސް އިތުރުވާނެކަމަށް އޭނާ ވިދާޅުވެއެވެ.

ނަމަވެސް ޓޯކިއޯ 2020 އިންތިޒާމް ކުރާ ކޮމިޓީގެ ފަރާތުން އަދިވެސް ހާމަކުރަމުންދާ ގޮތުގައި މި މުބާރާތް ކުރިންވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެއެވެ. އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބާޗް މިދިޔަ ހަފްތާގައި ހާމަކުރިގޮތުގައި މި މުބާރާތް މިހާރުވެސް ރޭވިފައިވާ ގޮތަށް ޖުލައިމަހު ނުބޭއްވޭންވީ ސަބަބެއް އަދި ނުފެންނަ ކަމަށެވެ. އަދި ޕްލޭން ބީއެއް ބޭނުން ނުވާ ކަމަށްވެސް އޭނާ ހަމަކުރިއެވެ.