ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް ހުއްޓުމެއް ނެތި މައްޗަށް ގޮސް، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައިވެސް އިތުރު 145 މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިބައްޔަށް ޕޮޒިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 15247އަށް އަރާފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު ހޯމަ ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 145މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ވޭތުވެދިޔަ 24ގަޑިއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 93މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 14މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 36މީހުން އަދި ސަފާރީތަކުން ބައްޔަށް ޕޮޒިޓިވްވި ދެމީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ 15247އަށް އިތުރުވެފައެވެ.
ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 32މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދަކީ 13916އެވެ.
މިވަގުތު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 1273އެވެ. ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 93 މީހަކަށްދަނީ ފަރުވާދެމުންނެވެ.
ވޭތުވެދިޔަ 24ގަޑިއިރު ކޯވިޑް19އަށް ޓެސްޓުކުރުމަށްޓަކައި 3،338 ސާމްޕަލްވަނީ ނަގާފައެވެ. މިހާތަނަށް ޓެސްޓުކުރުމަށްޓަކައި ނެގި ސާމްޕަލްގެ ޖުމްލަ ޢަދަދުވަނީ 394،278އަށް އަރާފައެވެ.
މިބަލީގައި ރާއްޖެއިން 51މީހުންވަނީ ނިޔާވެފައެވެ. އެއީ 43ދިވެހިންނާ، 8ބިދޭސީންނެވެ.