ޚަބަރު

ކޮޅުފުށިން އެހެން ރަށްރަށަށް ދަތުރުކުރި މީހުން، އެކަން އެންގުމަށް އެދިއްޖެ


ޖެނުއަރީ 5ވަނަ ދުވަހުގެ ފަހުން މ.ކޮޅުފުށިން އަތޮޅުގެ އެހެން ރަށްތަކަށް ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެކަން އެންގުމަށް އެދިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަންގާފައިވަނީ މި މަޢުލޫމާތު އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރާ ޙިއްސާކުރުމަށެވެވެ. އަދި މ.ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން އެޗްޕީއޭގެ ހޮޓްލައިން 1676އަށް އެންގުމަށްވަނީ އިލްތިމާސްކޮށްފައެވެ.

އަދި މި މުއްދަތުގައި މ.ކޮޅުފުށިން ދަތުރުކުރިފަހުން 14ދުވަސް ނުވާ މީހުން، 14ދުވަސް ފުރިހަމަވަންދެން ކަރަންޓީން ވުމަށް އެޗްޕީއޭއިންވަނީ އަންގާފައެވެ. އަދި ކަރަންޓީން މުއްދަތު ހަމަވުމުން ކޯވިޑް-19އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ތިބުމަށްވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ޖެނުއަރީ 5ވަނަ ދުވަހުން ފެށިގެން، މި މުއްދަތުގައި މ.ކޮޅުފުށިން އެހެން ރަށްތަކަށް ދަތުރުކޮށް 14ދުވަސް ހަމަވެފައިވާ މީހުންވެސް ކޯވިޑް-19އަށް ޓެސްޓުކުރުމަށް އަންގާކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީންވުމަށް ވަނީ އަންގާފައެވެ.

މ.ކޮޅުފުށި މޮނިޓަރިންގްއަށް ގެނެފައިވަނީ މިމަހުގެ 24ވަނަ ދުވަހުއެވެ. އެއީ އެރަށުން މާލެއައި މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ރަށުގައި ބަލި ފެތުރިފަވާ މިންވަރު ބެލުމަށް ނެގި 100އަށްވުރެ ގިނަ ސާމްޕަލްއިން، 9މީހުންވަނީ ކޯވިޑް19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ ވަރުގަދަކޮށްފައެވެ.