ޚަބަރު

ބ.ދޮންފަނުން ގޯއްޗަށް އެދި ހުށައެޅި ފޯމްތައް އަންނަމަހު ވިލަރެސްކުރަން ފަށަނީ


ބ.ދޮންފަނުން ދޫކުރާ ގޯތިތަކަށް އެދި ހުށައެޅި ފޯމްތައް އަންނަ މަހު ވިލަރެސްކުރަން ފެށޭވަރު ވާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ފޯމްތައް ވިލަރެސް ކުރުމަށް ބޭނުންވާ މައުލޫމާތު ކަރުދާސްތައް އެއްކުރުމުގެ މަސައްކަތް އެއަތޮޅު ކައުންސިލް އިދާރާއާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ދޮންފަނުން މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ، 2000 އަކަފޫޓްގެ 22 ގޯއްޗެވެ. މިގޯތިތަކަށް އެދި 87 ފަރާތަކުންވަނީ ފޯމް ހުށައަޅާފައެވެ. ދޮންފަނުން އެންމެ ފަހުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2012 އަހަރުއެވެ. އެއަހަރު އެރަށުން 12 ގޯތިވަނީ ދޫކޮށްފައެވެ.

700 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދޮންފަނުގައި ގޯތި ބޭނުންވާ ގިނަ އާއިލާތަކެއް ދިރިއުޅެމުންދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ދޮންފަނުގެ އިތުރުން ބ.އަތޮޅުގެ ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި ފަރާތްތަކަށް ގޯތި ދޫކުރުމުގެ ކަންކަން ސަރުކާރުން ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.