ވިޔަފާރި

މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް މިފްކޯއިން 70 މިލިއަން ރުފިޔާ


މިއަހަރުގެ މިހާތަނަށް މިފްކޯއިން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިދިޔަ އަހަރުގެ ޖަނަވަރީމަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީމަހު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތް އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. މިދިޔަ އަހަރު އެވްރެޖްކޮށް މިފްކޯއިން ގަނެފައިވަނީ 3000 ޓަނުގެ މަހެވެ. ނަމަވެސް މިމަހުގެ ފުރަތަމަ 24 ދުވަހުވެސް މިފްކޯއިން މަސްވެރިންގެ އަތުން 4718 ޓަނުގެ މަސްގަނެ 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"މިދިޔަ އަހަރުވެސް 2400 ޓަނު ނޫނީ އެވްރެޖްކޮށް 3000 ޓަނު އަޅުގަނޑުމެން ކަލެކްޓްކުރި. ދެން މިއަހަރު އިއްޔެގެ ނިޔަލަށް 4718 ޓަނު އަޅުގަނޑުމެން ކަލެކްޓް ކޮށްފިން އިނގޭތޯ ޖުމްލަކޮށް. އެހެންވީމަ މަސްވެރިކަން ވަރަށް ރަނގަޅު ޖުމްލަކޮށް އުތުރުގެ މަސްވެރިކަން ރަނގަޅުވަމުން އަންނަނީ. މަސްވެރިންނަށް މިދެންނެވި އަދަދަށް މަސް ކިރުވާފައި ގާތްގަނޑަކަށް 70 ވަރަކަށް މިލިއަން ރުފިޔާ ޖެނުއަރީގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފަ ވެއްޖެ." އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

މިފްކޯގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތައް ނިމުމުން އެ ކުންފުނީގެ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބި މަސްވެރިން އަތުން ގަންނަ މަހުގެ އަދަދު އިތުރުވާނެކަމަށް އެ ކުންފުނިން ބުނެއެވެ. މިފްކޯގެ ތަރައްޤީއަށް 231 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގުމަށް މިހާރު ވަނީ ނިންމާފައެވެ. މިފްކޯގެ ތަރައްޤީއަށް ހިންގާ މިމަޝްރޫޢަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ.

އިންޑިއާއިން ފޯރުކޮށްދިން ލައިން އޮފް ކްރެޑިޓްގެ ދަށުން 15 މިލިއަން ޑޮލަރު ނުވަތަ 231 މިލިއަން ރުފިޔާ މިފްކޯގެ ތަރައްޤީއަށް ޚަރަދުކުރާނެއެވެ. މިމަޝްރޫޢުގެ ދަށުން މިފްކޯގެ މަސައްކަތްތަކަށް ބޭނުންވާ އެކި ފެސިލިޓީސްތައް ތަރައްޤީކުރާނެއެވެ.

މިމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް 'ޓޫނާ ކުކްޑް ލޮއިންސް' ޕްލާންޓަކާއި 'ފިޝްމީލް' ޕްލާންޓެއް ގާއިމްކުރާނެއެވެ. އަދި ގދ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް، 100 މެޓްރިކް ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމްކުރާނެއެވެ.