ހައި ސްޕީޑް ފެރީގެ ޚިދުމަތަށް ބޭނުންވާ އުޅަނދުތައް ތައްޔާރުކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ފަށައިފިއެވެ. އެމްޓީސީސީން މިހާރުވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން އެންގުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ހައި ސްޕީޑް ފެރީ ނިޒާމުގެ މަޝްރޫއަކީ ރާއްޖެ ލާމަރުކަޒީކުރުމަށް ކުރާ މަސައްކަތުގެދަށުން، ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ފަށަން ނިންމާފައިވާ މަޝްރޫޢެކެވެ. ފެރީ ނިޒާމުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއެވެ.
އެމްޓީސީސީން ވިދާޅުވީ ޒޯން 1ގެ ޚިދުމަތަށް 17ހައިސްޕީޑް ފެރީ އުޅަނދު ބޭނުންވާކަމަށެވެ. މިއިން ކޮންމެ އުޅަނދަކީ 50 ފަސިންޖަރުންނާއި 4 ކްރޫއާއި، 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގައިގެ އުޅަނދަކަށްވާންވާނެކަމަށެވެ. އަދި ކޮންމެ ފަސިންޖަރަކަށް 20ކިލޯގެ ލަގެޖު އުފުލޭ އުޅަނދަކަށްވާންވާނެކަމަށެވެ. އަދި ޖާގަ ތަނަވަސްވާނެގޮތަށް ގޮނޑިޖެހުމާއި ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ފެރީއަށް އެރޭގޮތަށް ހުންނަންޖެހޭނެކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. މީގެއިތުރަށް ޚިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ވަސީލަތްތަކާއި، އުޅަނދުގެ ބާރުމިނުގައި ހުންނަޖެހޭނެ މިންވަރާގުޅޭ ތަފްސީލްވެސް ގެޒެޓްގައިވަނީ ހާމަކޮށްފައެވެ.
މި މިންގަނޑަށް ތައްޔާރުކުރުމަށްފަހު އުޅަނދުތައް ސެޕްޓެމްބަރު މަހު ކުންފުންޏާއި ހަވާލުކުރެވޭވަރަށް ތައްޔާރުކުރަންޖެހޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ 11:00ގެ ކުރިން މިކަމަށް ޝައުގުވެރިވާކަމުގެ ލިޔުން އެމްޓީސީއަށް ހުށައެޅުމަށްވަނީ އަންގާފައެވެ.
ހައި ސްޕީޑް ފެރީގެ ޚިދުމަތް ފުރަތަމަ ދިނުމަށް ހަމަޖެހިފައިވަނީ ޒޯން 1ގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅަށެވެ. އެއީ މީހުން ދިރިއުޅޭ 41 ރަށެވެ.
މި ޚިދުމަތްދޭނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. ޚިދުމަތް ދިނުމުގައި 3 ރޫޓަކަށް ދަތުރުކުރާނެއެވެ. އެއީ ކައިރި ރަށްތަކަށް ކުރާ ދަތުރުތަކާ، ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ. ސަރުކާރުން މަސައްކަތްކުރަމުންދަނީ ޒޯން އެކަކަށް މިއަހަރުގެ ފަހު ކުއާޓަރުގައި ޚިދުމަތް ފެށުމަށެވެ.