ޚަބަރު

ފުރަތަމަ ފަހަރަށް ދިވެހި އަންހެން ސިފައިން ލެފްޓިނެންޓް ކާނަލްގެ މަޤާމަށް


ދިވެހި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލެފްޓެނެންޓް ކާނަލްގެ މަޤާމަށް އަންހެން ސިފައިން ރޭންކްކޮށްފިއެވެ. މި ރޭންކަށް 3 އަންހެން ބޭފުޅަކަށް ވަނީ މަޤާމުގެ ކުރިއެރުން ދެއްވާފައެވެ. މިތިން އަންހެން އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވާފައިވަނީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މަޤާމުގެ ކުރިއެރުން ލިބިފައިވަނީ މޭޖަރ ރޭންކްގައި ތިއްބެވި 3 އަންހެން އޮފިސަރުންނަށެވެ. އެއީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން، ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ، ލެފްޓިނެންޓް ކާނަލް ޑރ.އާމިނަތު ޝުމްރާއެވެ.

ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓް (ސިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ(ސީއީއޯ)ގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. މިއީ ސިފައިންގެ ވެލްފެއާއާއި ވިޔަފާރިއާ ގުޅުންހުރި މަސައްކަތްތަކުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާއެވެ.

ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާއަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލްގެ ޑެޕިއުޓީ ކޮމާންޑަރ އޮފިސަރެވެ. ޑރ.ފާތިމަތު ތަހުސީނާ މިވަގުތު މަސައްކަތްކުރައްވަނީ ސެނަހިޔާ ހޮސްޕިޓަލްގެ ރޭޑިއޯލޮޖިސްޓެއްގެ ގޮތުގައެވެ. ލެފްޓިނެންޓް ކާނަލް ޑރ.އާމިނަތު ޝުމްރާއަކީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ޑެޕިއުޓި ކޮމާންޑިންގ އޮފިސަރެވެ. އަދި ޑރ.އާމިނާތު ޝުމާރާ މަސައްކަތް ކުރައްވަމުންދަނީ ސެނަހިޔާ ހޮސްޕިޓަލްގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައެވެ.

މިއީ މޭޖަރ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކްގެ ކުރިއެރުން، ދިވެހި އަންހެން ސިފައިންނަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި ދިވެހި ސިފައިންގެ ތާރީޚުގައިވެސް، އަންހެނުންގެ އަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް މިފަދަ މަތީ ރޭންކަކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ. މިކަން ފާހަގަ ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވެސްވަނީ މިފަދަ މަތީ މަޤާމުތަކަށް އަންހެން ބޭފުޅުން ހަމަޖެހިގެން ދިއުމަކީ ފާހަގަކޮށްލެވޭ މުހިންމު ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އަންހެނުންގެ ކުރިއެރުމާ ތަރައްޤީއަށް ކުރައްވަމުންދާ މަސައްކަތްތައް ފެނިގެންދާ ކަމެއްކަމަށް ވިދާޅުވިއެވެ.

އެގޮތުން ދިވެހި އަސްކަރިއްޔާގައިވެސް އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުޞަތު އޮތްކަމަށާ، ހިންގުންތެރިކަމުގެ ދާއިރާއިންވެސް ޤާބިލު އަންހެން މަސައްކަތްތެރިންތަކެއް ތިއްބެވިކަން އެމަނކުފާނު ފާހަގަކުރެއްވިއެވެ.

މިންތީގެ ތަފާތުކުރުންތައް ނައްތާލުމާ، މުޖުތަމަޢުގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުންދަނީ ނުހަނު މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ %33 ގޮނިޑި އަންހެނުންނަށް ޚާއްސަކުރުމަކީ، މި މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ޚާއްސަކޮށް ޤައުމީ ކަންކަމުގައި ގޮތް ނިންމުމުގައި، އަންހެނުންގެ ޚިޔާލު ހިމެނިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.