ޚަބަރު

ދިވެހި އަސްކަރިއްޔާއަކީ މިހާރު ޕްރޮފެޝަނަލް ޚިދުމަތްތަކެއް ދޭ މުއައްސަސާއެއް - ރައީސް


މިހާރު ދިވެހި އަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން ގޮސްފައިވާ ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ސިފައިންނަށް މަޤާމުގެ ކުރިއެރުން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މޭޖަރގެ ރޭންކުން، ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ބަދަލުވި 3 އަންހެން ބޭފުޅުންނަށް، ލިބުނު މަޤާމުގެ ކުރިއެރުން ފާހަގަކުރައްވައި އެއީ ދިވެހި ސިފައިންގެ ތާރީޚުގައިވެސް، އަދި ދިވެހި އަންހެނުންގެ ޢަސްކަރީ ޚިދުމަތުގެ ތާރީޚުގައިވެސް، އެ ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރުކަމަށް ވިދާޅުވެފައެވެ. މިއީ އެމް.އެން.ޑީ.އެފް.ގެ ރޭންކުތަކަށް ބަލާއިރު، އެންމެ މަތިން ފެށިގެން ހަތަރުވަނަ ރޭންކެވެ. ރައީސް ވިދާޅުވީ، އެކަމުން އެނގެނީ، ދިވެހި އަސްކަރިއްޔާގައިވެސް، އަންހެން ބޭފުޅުންނަށް ހަމަހަމަ ފުރުޞަތު އެބައޮތްކަމާއި، ސިފަވަންތަކަމުގެ ގޮތުންނާއި، ހިންގުންތެރިކަމުގެ ދާއިރާއިންވެސް، ޤާބިލް އަންހެން ބޭފުޅުން ތިއްބެވިކަން ކަމަށެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަނީ ޤައުމީ ޚިދުމަތުގެ ކޮންމެ ދާއިރާއަކީވެސް، މިންތީގެ ތަފާތުކުރުމެއްނެތި، ޤައުމުގެ ކޮންމެ ފަރުދަކަށްވެސް، ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވެފައިވާ، ޒަމާނީ ފެންވަރަށް ތަރައްޤީވެފައިވާ ދާއިރާއަކަށް ހެދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ސިފައިންނަކީ ޤާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި ޢަސްކަރީ އާލާތްތައް ހޯދައި، ޒަމާނީ ވަސީލަތްތައްވެސް ޤާއިމްކުރަމުން އަންނަކަމަށާ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް، ކުރިއަށްވުރެ މިހާރު އިތުރުކުރައްވާފައިވާކަމަށެވެ.

"ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ވެލްފެއަރ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ. ބޭސްފަރުވާގެ ކަންކަމާއި ރެކްރިއޭޝަންގެ ޚިދުމަތްތައްވެސް ފުޅާކުރެވިއްޖެ. އެހެން ޤައުމުތަކާއެކު ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއް. އެމް.އެން.ޑީ.އެފް އަކީ، ޢަސްކަރީ ޚިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށްގިނަ ޚިދުމަތްތައް އެބަހުރި." ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތުގައިވެސް، ދިވެހިސިފައިން، ވަމުން އަންނަނީ، އަގުނުކުރެވޭފަދަ މަތިވެރި ޤުރުބާނީތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ކޯވިޑް-19ގެ ވެކްސިން ދިނުމަށް، ވަމުން އަންނަ ތައްޔާރީތަކުގައިވެސް، ދިވެހި ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ 2 އަހަރުދުވަހުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއް ހިނގާފައިވާއިރު،، 1880 މީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އަދި ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4886 މީހަކު، ސީ-އެމްބިއުލާންސްގައާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްދީފައިވާކަމަށާ، 2019ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ހެންވޭރު ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މާލޭ ޓީ-ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ހެންވޭރު ތިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް، ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.

"މި ހުންނަނީ، އިންސާނުންގެ ފުރާނަޔާ ގުޅިފައި ހުރި، ވަރަށް މުހިންމު އިންސާނީ ޚިދުމަތްތަކެއް. މިފަދަ ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން. މި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައިވެސް، ޒަމާނީ ޢަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށާ، މަޤާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތަޢުލީމީ ފެންވަރަށާއި، އެމީހެއްގެ ސިފަވަންތަ އަޚްލާޤަށާއި، ނަތީޖާ ނެރެދޭ މިންވަރަށާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއްކަމަށާއި، އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ތައްޔާރީ ޙާލަތުގައި ދިވެހި ޢަސްކަރިއްޔާ ބޭއްވުމުގެ ބޭނުމުގައި، މިދިޔަ 2 އަހަރުގެ ތެރޭގައި، ބޭރު ޤައުމުތަކާއެކު، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ވަރަށްބޮޑަށް ބަދަހިކުރައްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، ސިފައިންގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށާއި، ޢަސްކަރީ އުޅަނދުތަކާއި ސާމާނުތައް ތަރައްޤީކުރުމަށް، އެކުވެރި ޤައުމުތަކުގެ ޢަސްކަރީ އެހީތެރިކަންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ލިބެމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

" އޭގެތެރެއިންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ޑިފެންސް މިނިސްޓްރީގެ އައު ޢިމާރާތް އެޅުމަށް، އިންޑިއާ ސަރުކާރުން ދީފައިވާ 5.08 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫޢުގެ ވާހަކަ. އަދި ޖަޕާން ސަރުކާރުގެ އެހީގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެވިފައި." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ރާއްޖޭގެ ޢަސްކަރިއްޔާގެ ތަރައްޤީއަށް، ވަރަށް ގިނަ ޤައުމުތަކެއްގެ އެހީތެރިކަން، މިދިޔަ ދެ އަހަރުގެ ތެރޭގައި އެީލިބިފައިވާކަން ފާހަގަކުރައްވައި ރައިސް ވިދާޅުވީ، އެފަދަ އެހީތައް ރާއްޖެއަށް ލިބެނީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު، ހަރުދަނާ ގުޅުންތަކެއް ޤާއިމުކުރެވި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައަށް ރާއްޖެއިން ދޭ ސަމާލުކަމާއި އެކަމަށްޓަކައި ކުރާ މަސައްކަތް، ބޭރު ދުނިޔެއިން ބަލައިގަންނާތީކަމަށެވެ.

ޚާއްޞަކޮށް ރާއްޖެއަކީ ހަރުކަށި ފިކުރުތަކާއި، ޓެރަރިޒަމްގެ ޢަމަލުތަކާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާ ޤައުމަކަށްވާތީ، އަދި ޞުލްޙަ ޤާއިމުކުރުމުގެ ގޮތުން، ރާއްޖޭގެ ޢަސްކަރިއްޔާ ވަރުގަދަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެ ޤައުމުތަކުންވެސް ޤަބޫލުކުރާތީކަމަށާއި، އެކަމުގެ ހެޔޮ ނަތީޖާ ދިވެހިރާއްޖެއަށާއި މި ސަރަޙައްދަށްވެސް ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.