ޚަބަރު

އާތިފު ދައުވާއަށް އިންކާރުކުރައްވައިފި


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންތެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ އިސްވެރިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކުރައްވައިފިއެވެ. ދައުލަތުން އާތިފާއި ދެކޮޅަށް އުފުލާފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުވުމުގެ ކުށުގެ ދައުވާއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތް ހިނގި އިރު، އާތިފް ޝަކޫރު ހުންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ އިސްވެރިޔާގެ މަޤާމުގައެވެ. އެ ޔުނިޓަކީ، މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި، އެނޫންވެސް ޤާނޫނާއި ޚިލާފު އެފަދަ މުއާމަލާތްތައް ކަމަށް ޝައްކު ކުރެވޭ މުއާމަލާތްތައް ބަލައި އެކަންކަން ކަމާއި ބެހޭ އެހެން ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ޒިންމާ އޮތް ފަރާތެވެ.

މި މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި ޝަކުކުރެވޭ މުއާމަލާތުތަކެއް ކުރިޔަށް ދިޔައިރުވެސް އެފްއައިޔޫގެ އިސްވެރިޔަކަށް އާތިފް ހުންނަވާ އެކަން ކަމާއި ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެންނަވާފައި ނުވާކަމަށެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އާތިފުވަނީ ދައުލަތުގެ ދައުވާއަށް އިންކާރުކުރައްވާފައެވެ. މި މައްސަލާގައި އާތިފްގެ ވަކީލުން ޓީމުގައި އިސްކޮށް ހުންނެވީ ކުރީގެ ޑެޕިއުޓީ ޕީޖީގެ މަޤާމުގައި ހުންނެވި މަރިޔަމް ނިހާޔަތެވެ. އެހެންމަވެސް ކޯޓުން ވަނީ ނިހާޔަތަށް އެ މައްސަލާގައި ވަކާލާތުނުކުރެވޭނެކަމަށް ނިންމާފައެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފުކޮށް ގޮތެއް ނިމުމުން ޝަރީއަތް ކުރިޔަށް ގެންދިޔުމަށް އާތިފް ވަނީ އެދިވަޑައިގެންފައެވެ.

މި މައްސަލަ ބައްލަވާ ކްރިމިނަލްކޯޓްގެ އިސްގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މި މައްސަލަ މަޑުޖައްސާލަން މަތީ މަރުހަލާގެ އެއްވެސް ކޯޓަކުން އަންގާފައިނުވާކަމަށެވެ. އަދި ނިހާޔަތު ބަލައިނުގަތުމަށް ނިންމާފައިވަނީ އޭނާއަކީ އެމްއެމްޕީއާރުސީގެ ތަހުގީގުގެ މަރުހަލާގައި ބައިވެރިވެފައިވާ ފަރާތެއްކަމުން މިކަމުގައި މަސްލަހަތު ފުށުއަރާތިކަމަށެވެ.

ގާޒީ ނިންމެވީ ޝަރީއަތް މަޑުޖައްސާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެހެންކަމުން ޝަރީއަތް ކުރިޔަށް ގެންދަވަން ނިންމާ މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށައެޅުމަށް ދެ ފަރާތަށް ފުރުސަތު ދެއްވުމަށްފަހުއެވެ.