ޚަބަރު

ޖަޒީރާ ސައްލާ: ރައްޔިތުންގެ އަޑު މެދުވެރިއަކާނުލައި ސަރުކާރާއި ހަމައަށް


ރައްޔިތުންގެ ކަންބޮޑުވުންތައް މެދުވެރިޔަކާއިނުލައި ދެނެގަތުމަށްޓަކައި ސަރުކާރުން ޖަޒީރާ ސައްލާގެ ނަމުގައި ޚާއްޞަ ޙަރަކާތެއް ބޭއްވުމަށް ނިންމަވައިފިއެވެ.

ޖަޒީރާ ސައްލާ އާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މީގެ ކުރިން ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ފޯރަނީ މީޑިއާގެ ސަބަބުންކަމަށެވެ. އެހެންކަމުން މި ހަރަކާތުގެ އެންމެ ބޮޑު މަޤްޞަދަކީ އެއްވެސް މެދުވެރިއެއްނެތި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަތުންކަމަށެވެ.

މަބްރޫކު ވިދާޅުވީ މަހަކު އެއްފަހަރު މި ސައްލާ ބޭއްވުމަށް ރާވަމުން އަންނަ ކަމަށާއި ކޮންމެ ހަރަކާތެއްގައިވެސް މަޝްވަރާކޮށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ އޭރު އެންމެ ބޮޑަށް ހިނގަމުންދާ މައްސަލަ ނުވަތަ ކަންބޮޑުވުމަކަށް ކަމަށެވެ. އަދި މި ޙަރަކާތުގައި އެކަމަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހޯދުމުގައި ފޭސްބުކް އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރާނެކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކަށާއި ރައީސް އޮފީހަށް ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި ކަންބޮޑުވުންތައްވެސް ދެނެގަތުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޖަޒީރާ ސައްލާއަށް ކަންބޮޑުވުންތައް ނުވަތަ ސުވާލުތައް ފޮނުވުމަށް ސޯޝަލް މީޑިއާގައި ހޭޝްޓެގް ޖަޒީރާ ސައްލާ (JazeeraSalla#) ޖެހުމަށްފަހު ސުވާލު ނުވަތަ ކަންބޮޑުވުން ހިއްސާ ކުރުމަށް ވަނީ ހުޅުވާލާފައެވެ.

ޖަޒީރާ ސައްލާގެ އެންމެ ފުރަތަމަ ބައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މި ސައްލާގެ ފުރަތަމަ ބައިގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ އެޗްއީއޯސީގެ ތަރުޖަމާނު ފާތިމަތު ނަޒްލާ ރަފީޤް އެވެ. އެންމެ ފުރަތަމަ ޕްރޮގްރާމްގައި ޑރ.ނަޒްލާ ރަފީޤް ބައިވެރިވުމަށް ނިންމެވީ މިވަގުތު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުންތައް ގުޅިފައިވަނީ ކޯވިޑް-19 ގެ ކަންކަމާއި ގުޅިގެން ކަމުން އެކަމާއި ގުޅޭ ކަންކަން ހިއްސާކުރުމަށް އެންމެ އެކަށީގެންވާ ފަރާތްތަކީ ނަޒްލާކަމުގައިވުމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.