ޚަބަރު

ސިޔާސީ މުވައްޒަފުންނަށް ސަރުކާރާ ދެކޮޅަށް ޚިޔާލު ފާޅުނުކުރެވޭ އުސޫލަކީ 2012ގެ އުސޫލެއް


ސިޔާސީ މުވައްޒަފުން ސަރުކާރާ ޚިޔާލު ތަފާތުވިޔަސް އެޚިޔާލު ފާޅު ނުކުރެވޭގޮތަށް، އުސޫލެއް ހަދާފައިވަނީ 2012ވަނަ އަހަރުކަމަށާ، މިސަރުކާރުން ހަމައެކަނި ގެނައި ބަދަލަކީ ސަލާމުގެ ޗުއްޓީއަށް ގެނައި ބަދަލުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީީހުން ވިދާޅުވީ، ސިޔާސީ މުވައްޒަފުން ސަރުކާރާ ޚިޔާލު ތަފާތުވިޔަސް އެޚިޔާލު ފާޅު ނުކުރެވޭ ގޮތަށް، ސަރުކާރުގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުން މަޖުބޫރުކޮށް އާއުސޫލެއް ހަދާފައިވާކަމަށް ދޭހަވާ ގޮތަށް މީޑިއާއިން ޢާންމުކުރި ޚަބަރުތަކަކީ އޮޅުމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަކީ 2012ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޢަމަލުކުރަމުންދާ އުސޫލެއްކަމަށާއި، އިއްޔެ މިއުސޫލު އަލުން ޝާއިޢުކޮށްފައިވަނީ އެންމެ އިސްލާހަކާއެކުކަމަށެވެ. އެގޮތުން އެ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ ހަމައެކަނި މުވައްޒަފުންގެ ސަލާމުގެ ޗުއްޓީއަށް ގެނެވިފައިވާ ބަދަލުކަމަށާއި، އެގޮތުން ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން މެޑިކަލް ސެޓްފިކެޓެއް ނެތި ސަލާމުގެ ގޮތުގައި ދެވޭނީ 15 ދުވަސްކަމަށް ގެނައި ބަދަލުގައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

މިބަދަލަކީ ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު ގެނައި ބަދަލެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ. އެގޮތުން ވަޒީފާއާ ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިޞްލާހުގައިވަނީ ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަހު، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން، މެޑިކަލް ސެޓްފިކެޓަކާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚްތިޔާރު، ވަޒީފާ އަދާކުރާ ފަރާތަށް ލިބިދޭކަމަށެވެ. މިއިޞްލާހާ ގުޅިގެން މީގެކުރިން ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ އުޞޫލަށް ވެސް ބަދަލު ގެނެސްފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.