ޚަބަރު

އަތޮޅު ތަކުގެ މުބާރާތް ކުޅެންދިޔަސް ގައުމީ ސްކޮޑުން ވަކިނުކުރާނެ - ހޭންޑް ބޯލް މޯލްޑިވްސް


އަތޮޅުތަކުގައި ބާއްވާ މުބާރާތްތައް ކުޅެންދިޔަކަމުގައި ވީނަމަވެސް އެއްވެސް ކުޅުންތެރިއަކު ގައުމީ ސްކޮޑުން ވަކިނުކުރާނެކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ.

ގދ.ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެން ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށް ގައުމީ ހޭންޑް ބޯލް ޓީމު އަންހެން ކުދިން ގޮސްފިކަމަށްވާނަމަ، ގައުމީ ސްކޮޑްއިން ވަކިކުރާނެކަމަށް ފޭސްބުކްގައި ބައެއް ފަރާތްކުންދަނީ ލިޔަމުންނެވެ. އަދި އެސޯސިއޭޝަނުން އެ ކުޅުންތެރިންނާމެދު ވިޔަވަޅު އަޅަން ނިންމާފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިކަމާގުޅިގެން ހޭންޑް ބޯލް މޯލްޑިވްސްއިން ބުނީ އެއްވެސް ކުޅުންތެރިއަކަށް އެއްވެސް މުބާރާތެއް ކުޅެންދިއުމަށް މަނާ ނުކުރާނެކަމަށާއި ނަމަވެސް ގައުމީ ޓީމުގެ ކުދިންނަށް މިހާރު ކުރިއަށްގެންދާ ވަރަށް ހާއްސަ ފިޓްނަސް ޕްރޮގްރާމްގެ ހާޟިރީން އެކުދިން ނާންނަ ދުވަސް އުނިކުރެވޭނެކަމަށް ހޭންޑް ބޯލް މޯލްޑިވްއިން ބުނެއެވެ. މިހާރު ކުރިއަށްގެންދާ ފިޓްނަސް ޕްރޮގްރާމަކީ ހަތަރު މަސްދުވަހުގެ ޕްރޮގްރާމްއެއްކަމަށް ހޭންޑް ބޯލް މޯލްޑިވްސްއިން މަޢުލުމާތުދެއެވެ.

މިފިޓްނަސް ޕްރޮގްރާމްއަކީ ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ގައުމީ ހޭންޑް ބޯލް ޓީމްގެ ކުދިން ނުކުޅެ ތިބުމާއި ގުޅިގެން އެކުދިން ފިޓްކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ. އަދި ފިޓްނަސް ޕްރޮގްރާމް ވަކި ހިސާބަކުން ހުއްޓާލައިފިނަމަ، ފިޓްނަސް ޕްރޮގްރާމަކަީ އަލުން ފަށަންޖެހޭ ޕްރޮގްރާމްއެއްކަމަށާއި، އަލުން ޕްރޮގްރާމް ފެށުމަކީ ވަރަށް އުދަގޫކަމެއްކަމަށް ހޭންޑް ބޯލް މޯލްޑިވްސްއިން މަޢުލުމާތު ދެއެވެ. ހޭންޑް ބޯލް މޯލްޑިވްސްއިން ބުނީ އަތޮޅު ތެރޭގެ މުބާރާތްތަކަށް ގައުމީ ޓީމްގެ ކުދިން ދިއުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ނަމަވެސް ގައުމީ ޓީމްގެ ފަރިތަކުރުންތަކަށް ހާސިރު ނުވާ ދުވަސްތަކަށް ހާޒިރު ނުވާކަމަށް އަރާނެކަމަށެވެ އަދި ހާޒިރީ ކެޑުނުކަމަށް ވީނަމަވެސް ގައުމީ ސްކޮޑުން އެއްވެސް ކުޅުންތެރިއަކު ބާކީ ނުކުރާނެކަމަށްވެސް ހޭންޑް ބޯލް މޯލްޑިވްސްއިން މަޢުލުމާތު ދީފައިވެއެވެ.