އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި އެޓަލާންޓާ ހޯކްސް ބައްދަލުކުރި މެޗް ބަކްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބަކްސް ކާމިޔާބުކުރީ 129 ޕޮއިންޓް 115 ޕޮއިންޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފެށުނީއްސުރެ ލިޑުގައި އޮތީ ބަކްސްއެވެ. އަދި ފުރަތަމަ ކްއާޓަރގައި ނެގި 17 ޕޮއިންޓްގެ ލީޑު ވެގެންދިޔައީ ހޯކްސްއަށް އަރާ ހަމަކުރަން ތަންކޮޅެއް ދަތިވި ލީޑަކަށެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަގަޅު ކުޅުމެއް ދައްކައިދިނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ. އަދި ބޮބީ ޕޯޓިސްވަނީ އެޓީމަށް 21 ޕޮއިންޓް ހޯދައިދީފައެވެ. މިމެޗްގައި ހޯކްސްއަށް އެންމެ ރަގަޅު ކުޅުމެއް ދައްކައިދިނީ 33 ޕޮއިންޓް ހޯދައިދިން ޑިއަންޑްރޭ ހަންޓަރއެވެ. އަދި ޖޯން ކޮލިންސްވަނީ އެޓީމަށް 30 ޕޮއިންޓް ހޯދައިދީފައެވެ.
މި މުބާރާތުގައި ސެން އެންޓޯނިއޯ ސްޕަރސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ސްޕަރސްއެވެ. މިމެޗްގައި ސްޕަރސްއަށް އެންމެ ރަގަޅަށް ކުޅުނީ 21 ޕޮއިންޓް ހޯދައިދިން ޕެޓީ މިލްސްއެވެ. އަދި ވިޒަޑްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 31 ޕޮއިންޓް ހޯދައިދިން ބްރެޑްލީ ބީލްއެވެ.
މީގެއިތުރުން ބޮސްޓަން ސެލްޓިކްސްއާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 141 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭލަން ބްރައުންވަނީ 33 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.